މިހާރު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިއަދުވެސް ރާއްޖޭގެ އުތުރައި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ވައި ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.
މިއަދު ހަވީރު 6:00 އާ ހަމައަށް މޫސުން ލަފާކޮށް މެޓުން އާންމުކުރި މައުލޫމާތުގައި ވާގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މިއަދު ދެކުނުގެ އަތޮޅުތަކަށް އާންމުގޮތެއްގައި މޫސުން ރަނގަޅު ވާނެކަމަށް އެ އިދާރާއިން ބުނެ އެވެ. ނަމަވެސް މަދު ރަށްތަކަކަށް ކެރީގެ އަސަރުކޮށްފާނެކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.
ދެކުނުގެ ސަރަހައްދަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި އެހެން ސަރަހައްދުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރޭގައި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެ އެވެ.
އިއްޔެ ވެހުނު ބޯވާރެއާއެކު ވެރި ރަށް މާލޭގެ އިތުރުން 8 ރަށެއްގައި ފެން ބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. އެގޮތުން މިއަދު ހެނދުނާ ހަމައަށް މާލެ އިން 30406 ޓަނުގެ ފެން ހިއްކާފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މެޓް އޮފީހުގެ ރިކޯޑުތަކުން ދައްކާގޮތުން އިއްޔެ މާލެ އަށް 162 މިލިމީޓަރު، އަދި ހުޅުމާލެ އަށް 164މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
މާލޭގައި ފެންބޮޑުވެގެން އެކިއެކި އެހީތަކަށް އެދި 774 ތަނަކުން ރިޕޯޓުކޮށްފައިވާކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓު އޮތޯރިޓީން ބުނެފައިވެ އެވެ. މީގެތެރެއިން 554 ރިކުއެސްޓައަކީ ވެލިބަސްތާ ޖެހުމަށް ކަމަށާއި އަދި 53 ގެއެއްގެ ރެޕިޑް އެސެސްމެންޓް ހެދިފައިވާކަމަށް އެ އިދާރާއިން ބުނެ އެވެ.
އޭގެ ތެރެއިން 36 ގޭބިސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ފޯރުކޮށްދެވިފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެ އެވެ.
މާލޭގެ އިތުރުން އަށް ރަށެއްގައި އިއްޔެ ފެން ބޮޑުވެ، ގެތަކަށް ގެއްލުން ލިބިފައިވެ އެވެ. އަދި ދެ ރަށަކަށް އުދަ އަރައިގެން ވެސް ގެއްލުން ލިބުނެވެ. އޭގެ ތެރެއިން ށ. ނަރުދޫއަށް ވަރަށް ބޮޑަށް އުދަ އެރުމުގެ ސަބަބުން ސިފައިން މިހާރުވެސް ދަނީ އެރަށުގައި ޕަންޕް ބަހައްޓައިގެން ހަރަކާތްތެރިވަމުންނެވެ.