މާފުށީ ޖަލުގައި ގައިދީންތަކެއް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާތާ ހަތަރު ދުވަސް ވެފައިވާއިރު، ކަރެކްޝަނަލް ސާވިސްއިން އެކަން ދޮގުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ޖަލުގެ ދެ ޔުނިޓެއްގެ ގައިދީން ގެންދަނީ އެމީހުންގެ ހައްގުތައް ކަށަވަރު ނުކޮށްދޭކަމަށް ބުނެ މީގެ ހަތަރު ދުވަސް ކުރިން ޖަލުން ދޭ ކާނާ ނެގުން ހުއްޓާލައި ހަޅުތާލުކުރަމުންނެވެ.
ޖަލުގައި މީހުން ގެންގުޅެނީ އަސާސީ ހައްގުތަކުން މަހުރޫމުކޮށްގެން ކަމަށް ބައެއް ގައިދީންގެ އާއިލާތަކުން ބުނެ އެވެ. އެގޮތުން މާފުށި ޖަލުގެ ގޮޅިތަކަށް ކަރަންޓް ނުދިނުމާއި ވައިދައުރުވާނެ ގޮތެއް ނެތުމުން އެތައް ގައިދީންނަކަށް ސިއްހީ މައްސަލަތަކާއި ކުރިމަތިލާން ޖެހޭކަމުގެ ޝަކުވާއަކީ ވަރަށް ގިނައިން އިވޭ ވާހަތަކެކެވެ.
ރޭގަނޑުވުމަށް ފަހު ގޮޅިތަކުގައި ކެއުން ބުއިމުގެ ކަންކަންވެސް ކުރަން ޖެހެނީ އެއްވެސް އަލިކަމެއް ނެތިކަމަށް ގައިދީއެއްގެ އާއިލާ މެންބަރަކު "ހުރިހާ" އާ ވާހަކަދައްކަމުން ބުންޏެވެ.
"އެފަދަ ތަނެއްގައި ބައިތިއްބާއިރު، މިފަހުން ޔާޑަށް ވަކި ގަޑިއެއްގައި ނެރޭގޮތަށް އޮތް އޮތުންވެސް ބަދަލުކޮށް ގައިދީން ބޭރަށް ނެރުން އެއްކޮށް ހުއްޓާލާފައި ވަނީ، އެކަމާއި ގުޅިގެން ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަނީ" އޭނާ ބުންޏެވެ.
ކަރެކްޝަނުން ގައިދީންގެ ހަޅުތާލުގެ ވާހަކަތައް ދޮގުކުރެ އެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުން ގައިދީން ނުކައިތިބުމުގެ ސަބަބުން ހާލުދެރަވެ ފަރުވާ ދިނުމަށް ނެރޭ މަންޒަރުވެސް ފެނިފައިވެ އެވެ.
ރާއްޖޭގެ ޖަލުތަކުގެ ހާލަތު ދައްކަމާއި ގައިދީންނަށް އިހުމާލުވާކަމުގެ މައްސަލައަކީ އަބަދުވެސް ބޮޑު މައްސަލަ އެކެވެ. އެފަދަ ކަންކަން ކަށަވަރުކުރުމަށް އޮންނަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) މިކަމުގައިވެސް އޮތީ ހަނުކަން ފާހަގަކޮށްލެވެ އެވެ.