ނިއުޒިލޭންޑަށް އޮސްޓްރޭލިއާގެ ފަތުރުވެރިން ކަރަންޓީން ނުވެ ދަތުރުކުރެވޭނެކަން ގައުމުގެ ބޮޑު ވަޒީރު ޖެސިންޑާ އާޑްން މިއަދު އިއުލާންކުރައްވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
ނަމަވެސް އެ ގައުމުގެ ބޮޑު ވަޒީރު ވިދާޅުވިގޮތުގައި ކަރަންޓިން ނުވެ އެ ގައުމަން ދަތުރު ކުރުމުގެ ފުރުސަތު އޮތީ އޮސްޓްރޭލިއާގެ ބައެއް ހިސާބުތަކުގެ މީހުންނަށެވެ.
އޮސްޓްރޭލިއާގެ ބޯޑަރުތައް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ނިއުޒިލޭންޑް މީހުންނަށް ވަނީ ހުޅުވާލައިފަ އެވެ. ނިއުޒިލޭންޑްގެ އޯކްލޭންޑްގައި ކޮވިޑްގެ ބަލިމަޑުކަން ކުއްލިއަކަށް ފެތުރުމާ ގުޅިގެން ކުޑަ ދުވަސް ކޮޅަކަށް މެދުކަނޑާލާފައި ވެސް ވެ އެވެ. ނަމަވެސް ނިއުޒިލޭންޑުން އެ ގައުމުގެ ބޯޑަރުތައް އޮސްޓްރޭލިއާއަށް ހުޅުވުން ލަސްވެފައި ވަނީ އޮސްޓްރޭލިއާގައި ކޮވިޑް ފެތުރުން އިތުރުވެފައި ވަތީ އެވެ.
ނިއުޒިލޭންޑްގެ ބޮޑު ވަޒީރު އެ ހުޅުވާލުމާ ބެހޭގޮތުން އިތުރު މައުލޫމާތު ދެއްވާފައި ނުވި ނަމަވެސް އެ ގައުމުގެ މީޑިއާއިން ބުނިގޮތުގައި މި އުސޫލުތައް ފެށޭނީ އޭޕްރިލް މަހުގެ ފަހުކޮޅު އެވެ.
އެ ގައުމުގެ ބޮޑު ވަޒީރު މިކަން ހާމަކުރެއްވުމަށް ހަމަ ޖެހިފައި ވަނީ މިއަދުގެ ނިއުސް ކޮންފަރެންސެއްގަ އެވެ.
އޮސްޓްރޭލިއާގެ ފަތުރުވެރިންނަށް ނިއުޒިލޭންޑަށް ވަނުމުގެ ހުއްދަ ދިނުމަށް ނިއުޒިލޭންޑްގެ ސަރުކާރަށް ދަނީ ޕްރެޝަރުތަކަކާ ކުރިމަތިވެފައިވެ އެވެ. އެއީ ފަތުރުވެރިންނާ ނުލާ އެ ގައުމުގެ ޓުއަރިޒަމް ދަށަށް ދާތީ އެވެ. އިދިކޮޅު ޕާޓީން ވެސް ދަނީ ވަގުތުން ވެސް އޮސްޓްރޭލިއާގެ ރައްޔިތުންނަށް ނިއުޒިލޭންޑަށް ކަރަންޓީނާ ނުލާ ވަދެވޭނެ ގޮތް ހަދަން ގޮވާލަމުންނެވެ.