މީގެ 17 އަހަރު ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މާފުށީ ޖަލުގައި ބަޑިޖަހައި ހަތަރު މީހަކު މަރާލި މައްސަލައިގެ ހަގީގަތް އަދިވެސް ހޯދިފައިނުވާ ކަމަށް ސަރުކާރު ހިންގާ އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބަޑިޖަހާފައި ވަނީ ސިފައިންގެ ގާނޫނުގައިވާ ގޮތުގެ މަތިން އޯޑަރު ކުރަން ތިބި ފަރާތްތަކެއްގެ އޯޑަރަށް ކަމަށްވާނަމަ، އެ ގޮތުން އޯޑަރުކުރި ފަރާތްތަކުގެ މައްސަލަތައް ބަލާފައި ނުވާ ކަމަށެވެ. އަދި ބަޑި ޖަހާފައި ވަނީ އޯޑަރުގެ މަތިން ނޫން ކަމަށްވާ ނަމަ ސިފައިންގެ ގާނޫނުގެ ދަށުން އޯޑަރެއް ނެތި ބަޑިޖެހި ކަމުގެ ތަހުގީގެއް ހިންގައި އެކަމަށް ޝަރީއަތްކޮށްފައި ނުވާތީ، އެކަމުގެ ހަގީގަތް އަދިވެސް ދިވެހި ރައްޔިތުންނަށް ސާފުވާން ޖެހިފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
"ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ މި އަނިޔާވެރި ޖަރީމާއަށްފަހު ވެސް، ޖަލުގައި މީހުންގެ ގަޔަށް ބަޑިޖަހާފައިވާ ގޮތުގެ ޙަޤީޤަތް ހޯދިފައިނުވެއެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އަނިޔާވެރި އެއްވެސް އަމަލަކާ ނުލައި، އުމުރުން އެންމެ 16 އަހަރުގައި ޖަލަށްލައި ހައްޔަރުކުރި ޒުވާން އީވާން ނަސީމު، އޭގެ ތިން އަހަރު ފަހުން މާފުށީ ޖަލުގައި ސިފައިން އެނާގެ ގައިގާ ތަޅައި ލާއިންސާނީ އަނިޔާކުރުމަށްފަހު މަރާލި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އީވާން މަރާލުމަށްފަހު، އާއިލާއަށް ސިއްރުން އޭނާގެ ހަށިގަނޑު ވަޅުލަން މަސައްކަތްކޮށްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. 2003 ވަނަ އަހަރުގެ ސެޕްޓެމްބަރ 19 ވަނަ ދުވަހު ހިންގި އެ ބޮޑު ޖަރީމާއާ ދެކޮޅަށް ޖެހިގެން އައިދުވަހު ޖަލުގައި އިހްތިޖާޖުކުރި އެތަކެއް އިތުރު ގައިދީން ތަކެއްގެ ގަޔަށް ބަޑިޖަހައި މަރާލައި އަދި އެނޫން ގައިދީންތަކެއް ޒަޙަމްކުރި އަނިޔާވެރި ހާދިސާ ހިންގާފައިވަނީ ވެސް އެ ހާދިސާއާ ގުޅިގެން ކަމަށް އެ ޕާޓީން ބުންޏެވެ.
އީވާން ނަސީމްގެ އިތުރުން ސިފައިން ބަޑިޖެހުމުން މަރުވި މީހުންނަކީ މ. ބިންއުނިމާގޭ އަބްދުﷲ އަމީނާއި ގއ. ވިލިނގިލީ ޖަނަވަރީމާގޭ އަހްމަދު ޝިޔާޒާއި ޅ. ނައިފަރު ސިނަމާގޭ އަލީ އަސްލަމެވެ. މީގެއިތުރުން 16 މީހަކަށް އަނިޔާވި އެވެ.
އެމްޑީޕީން ބުނީ އެ ޖަރީމާއަކީ ރާއްޖޭގެ ޖަލުތަކުގައި އޭރުގެ ރައީސް މައުމޫނުގެ ސަރުކާރުން ސިސްޓަމެޓިކް ގޮތަކަށް ބޮޑެތި އަނިޔާތައް ދެމުންދިޔަކަމާއި، އެފަދަ އަނިޔާތަކުގެ ޝިކާރަކަށްވެ އެތައް ބަޔަކު ދުނިޔެދޫކޮށްފައިވާކަމުގައި އޭރު ވެސް ތުންތުންމަތިން ދެކެވެމުން ދިޔަ ވާހަކަތަކުގެ ހަގީގަތް އެންމެހައި ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ގަބޫލުކުރެވޭމިންވަރަށް ތިލަވެގެންދިއަ ޖަރީމާއެއް ކަމަށެވެ. އެ ޕާޓީން ބުނިގޮތުގައި އެކަމުގެ ސަބަބުން ރާއްޖެއަށް ސިޔާސީ އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަން އޭރުގެ ސަރުކާރަށް މަޖުބޫރުވެގެން ދިޔަ އެވެ.