ތުރުކީގެ މަޝްހޫރު ސްކީ ރިސޯޓް ހޮޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 66 މީހުން މަރުވެއްޖެ އެވެ.

ލަކުޑިން ހަދާފައިވާ 12 ބުރީގެ ގްރޭންޑް ކަރްޓަލް ހޮޓަލުގައި އަލިފާން ރޯވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އަލިފާނުގެ ހާދިސާ ހިނގިއިރު ޗުއްޓީ ދުވަސްވަރާ ދިމާކޮށް އެ ހޮޓަލުގައި 234 މީހުން ތިއްބެވެ.

ފުރަތަމަ 10 މީހުން މަރުވިކަމަށް ބުނެފައިވީ ނަމަވެސް، ތުރުކީގެ އިންޓީރިއާ މިނިސްޓްރީއިން އަލިފާން ރޯވިތާ ގަޑިތަކެއް ފަހުން އެ އަދަދު 66 އަށް އަރާފައިވާ ކަމަށް ބުނެފައިވެ އެވެ. އޭގެ ތެރެއިން ދެ މީހުން މަރުވެފައި ވަނީ ސަލާމަތްވުމަށް އިމާރާތުން ފުންމާލަން މަސައްކަތް ކުރުމުގެ ތެރޭގަ އެވެ.

އަލިފާން ނިއްވުމަށް 12 ގަޑިއިރު ހޭދަވިކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. ޖަސްޓިސް މިނިސްޓަރު ވިދާޅުވީ މި ހާދިސާއާ ގުޅިގެން ހޮޓަލުގެ ވެރިފަރާތް ހިމެނޭ ގޮތަށް 4 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހޮޓަލުގައި އަލިފާން ރޯވި ސަބަބު އަދި ނޭނގެ އެވެ. ނަމަވެސް ބޯލޫ ގަވަރުނަރު އަބްދުލްއަޒީޒް އައިދިން ވިދާޅުވީ ފުރަތަމަ ލިބުނު މައުލޫމާތުތަކުން އެނގިފައިވަނީ އަލިފާން ފުރަތަމަ ރޯވީ ހޮޓަލުގެ ހަތަރުވަނަ ފަންގިފިލާގެ ރެސްޓޯރަންޓް ބައިން ކަމަށެވެ. އަދި އެއަށްފަހު މަތީ ފަންގިފިލާތަކަށް ފެތުރުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ގަދަ ފިނި މޫސުމުގެ ސަބަބުން އަލިފާން ނިއްވާ އުޅަނދުތައް އެތަނަށް ދިއުމަށް އެއް ގަޑިއިރަށްވުރެ ގިނަ ވަގުތު ނަގާފައިވެ އެވެ.

ބޯލޫ ފަރުބަދަތަކަކީ އިސްތަންބޫލާއި ގާތްގަނޑަކަށް 170 ކިލޯމީޓަރު ދުރުގައިވާ ވެރިރަށް އަންކަރާގެ ސްކީ ކުޅޭ މީހުންގެ މެދުގައި މަޤްބޫލު ތަނެކެވެ. އަދި ދެ ހަފްތާގެ ސްކޫލު ޗުއްޓީ ފެށުމާއެކު މި ހޮޓަލުގައި ގިނަ އަދަދެއްގެ މީހުން ތިއްބެވެ.