އަދުގެ ހަލުވި ދިރިއުޅުމުގައި ނުތަނަވަސްކަމާއި ހާސްކަމަކީ އާންމު ކަމެކެވެ. ނަމަވެސް، ދިގުދެމިގެންދާ ގޮތެއްގައި ނަފްސާނީ ނުތަނަވަސްކަން ތަހައްމަލު ކުރަން ޖެހުމަކީ ހަމައެކަނި ސިކުނޑިއަށް ލިބޭ ތަކުލީފެއް ނޫނެވެ.މިއީ ހިތުގެ ދުޅަހެޔޮކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.

ކޮލްކަތާގެ ބީއެމް ބިރްލާ ހާޓް ހޮސްޕިޓަލުގެ ކާޑިއޮލޮޖީ ޑިރެކްޓަރު ޑރ. އަންޖަން ސިއޯޓިއާ ހާމަ ކުރައްވާ ގޮތުގައި، ދިގުދެމިގެންދާ ނުތަނަވަސްކަމުގެ ސަބަބުން ހިތާއި ލޭ ދައުރުވުމުގެ ނިޒާމަށް ނޭދެވޭ ބޮޑެތި ބަދަލުތަކެއް އާދެ އެވެ.

އިންސާނާ ނުތަނަވަސްވާ ހާލަތްތަކުގައި ސިކުނޑިން "އެޑްރެނަލިން"އާއި "ކޯޓިސޯލް" ފަދަ ހޯމޯންތައް އުފައްދަ އެވެ. މި ހޯމޯންތަކުގެ ސަބަބުން ހިތުގެ ހިނގުން އަވަސްވެ، ލޭގެ ޕްރެޝަރު މަތިވެ އެވެ.

މިކަން ދިގުދެމިގެންދާނަމަ ހިތަށް ކުރާ މުހިންމު އަސަރުތަކަކީ:

  • ލޭނާރުތަކަށް ގެއްލުންވުން: ލޭ ދައުރުކުރާ ނާރުތަކުގެ އެތެރޭގެ ފަށަލަ އަށް ގެއްލުންވެ، ނާރުތަކުގައި ދުޅަހެޔޮކަން ކުޑަވެގެންދެ އެވެ.
  • ލޭހިނގުމަށް ހުރަސް އެޅުން: ހިތަށް އޮކްސިޖަން ފޯރުކޮށްދޭ ލޭނާރުތައް ހަނިވެ، ހިތަށް ލޭ ފޯރު ކޮށްދިނުން ކުޑަވެ އެވެ.
  • ނޭދެވޭ އާދަތަކަށް މަގުފަހިވުން: ނުތަނަވަސްކަން ބޮޑުވުމުން ނިދި މަދުވުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން އިތުރުވުމާއި، ކަސްރަތު ނުކުރުން ފަދަ ނުބައި އާދަތަކަށް މީހާ ހުށަހެޅެ އެވެ. މީގެ ސަބަބުން ކޮލެސްޓްރޯލް އާއި ހަކުރުބަލީގެ ނުރައްކާ އިތުރަށް ބޮޑުވެ އެވެ.

ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް

ޑޮކްޓަރުން އިރުޝާދު ދެއްވަނީ ހާޓް އެޓޭކެއް ޖެހެންދެން ނުވަތަ މޭގައި ރިއްސަންދެން މަޑުނުކޮށް، އަވަސް މުއްދަތެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށެވެ.

  • ދިރިއުޅުމުގެ އާދަކާދަ ބަދަލުކުރުން: ކޮންމެ ދުވަހަކު މަދުވެގެން 30 މިނެޓު ކަސްރަތު ކުރުމާއި، ސިއްހަތަށް ފައިދާހުރި ކާނާ ބޭނުން ކުރުން.
  • ނަފްސާނީ ހަމަޖެހުން ހޯދުން: މެޑިޓޭޝަން، ޔޯގާ ނުވަތަ ފުންކޮށް ނޭވާލުމުގެ ކަސްރަތުތައް މާހައުލުގައި ހިމެނުން.
  • އެކަށީގެންވާ ނިދި: ކޮންމެ ރޭގަނޑަކު 7 އާއި 8 ގަޑިއިރާ ދެމެދުގެ އަރާމު ނިންޖެއް ހޯދުން.
  • ޑޮކްޓަރީ އެހީތެރިކަން: ނުތަނަވަސްކަން ކޮންޓްރޯލް ނުކުރެވޭނަމަ ނަފްސާނީ އެހީތެރިއެއްގެ ނުވަތަ ކާޑިއޮލޮޖިސްޓެއްގެ އިރުޝާދު ހޯދުން.

ދިގުދެމިގެންދާ ނުތަނަވަސްކަމަކީ ހިތުގެ ބަލިތަކަށް މަގުފަހިކުރާ "ވަގު ގާތިލެއް" ކަމަށްވާތީ، ހިތުގެ ދުޅަހެޔޮކަން ރައްކާތެރި ކުރުމަށްޓަކައި ސިކުނޑީގެ ހަމަޖެހުމަށް އިސްކަން ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.