ޕާސްޕޯޓް ފޮތްތަކުގެ އައު ސްޓޮކް ލިބި، އަންނަ ހަފުތާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފި އެވެ.

ރާއްޖެއަށް ޕާސްޕޯޓު ފޮތްތައް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން، ރާއްޖެއަށް ބުކްލެޓް ލިބުމުގައި ދަތިތަކެއް ކުރިމަތިވި އެވެ. މި މައްސަލަ ހައްލުވި ނަމަވެސް ސްޓޮކް ލިބުން ލަސްވުމުގެ ސަބަބުން، އިމިގްރޭޝަނުން ވަނީ މިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޕާސްޕޯޓު ދޫކުރުމުގެ އުސޫލުތަކަށް ވަގުތީ ބަދަލުތަކެއް ގެނެސްފަ އެވެ.

އެގޮތުން ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ރާއްޖޭގައި ތިބި މީހުންގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އާ ޕާސްޕޯޓަކަށް އެދުމުން، އާ ފޮތެއް ދިނުމުގެ ބަދަލުގައި މިހާރު އޮތް ޕާސްޕޯޓުގެ މުއްދަތު 30 ޖޫން 2027 ގެ ނިޔަލަށް އިތުރުކޮށްދިނުން ހިމެނެ އެވެ. އަދި އަލަށް ޕާސްޕޯޓު ހައްދާ މީހުންގެ ތެރެއިން، އިންޑިއާ އަދި ސްރީލަންކާ ފަދަ އާންމުކޮށް ދިވެހިން ދަތުރުކުރާ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް އިމަޖެންސީ ޕާސްޕޯޓު ދޫކުރުމަށްވެސް ނިންމި އެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓުގެ އާ ސްޓޮކް އަންނަ ހަފުތާގައި ރާއްޖެއަށް ލިބޭނެ ކަމަށެވެ. އަދި ސްޓޮކް ލިބުމާއެކު ކުރިންވެސް ހިދުމަތް ދެމުން އައި އުސޫލުން އާންމުކޮށް ޕާސްޕޯޓު ދޫކުރަން ފަށާނެ ކަމަށެވެ. އެއާއެކު، އިންޑިއާ އާއި ސްރީލަންކާ ފަދަ ގައުމުތަކަށް ދަތުރުކުރާ މީހުންނަށް އިމަޖެންސީ ޕާސްޕޯޓު ދޫކުރާނީ ހަމައެކަނި އެފަދަ ކުއްލި ހާލަތްތަކުގައި އެކަންޏެވެ.

މީގެއިތުރުން، ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އަންނަ އަހަރުގެ ޖޫން 30 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފައިވާ ފަރާތްތަކާ މެދު ދެން އަމަލުކުރާނެ ގޮތުގެ ތަފުސީލުވެސް އަންނަ ހަފުތާގެ ތެރޭގައި އާންމުކޮށް އިއުލާނު ކުރާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.