ބޮޑު މުސާރައާއެކު އެމްއޭސީއެލް އާއި އެޗްޑީސީން ވަޒީފާ ދީފައިވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް އޮފީހުގެ ރަސްމީ އެއްވެސް މަސައްކަތެއް ނުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަތުރުތަކުގައި އުޅޭ މައްސަލަ އަނެއްކާވެސް ބޮޑުވެއްޖެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ފުރައްސާރަކުރި މައްސަލަައިގައި ރައީސް މުއިއްޒަށް މަޖުބޫރުވެގެން އެ ދެ މީހުން މިދިޔަ އަހަރުގެ ކުރީކޮޅު ސަސްޕެންޑުކުރި އެވެ. މުސާރަ ލިބޭގޮތަށް ސަސްޕެންޑުކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ބޭތިއްބުމުން އާންމުންގެ ފާޑުކިޔުންތައް އަމާޒުވެ ކެތްނުކުރެވޭވަރު ވުމުން ރައީސް ނިންމެވީ އެ ދެ މީހުން އެމްއޭސީއެލް އާއި އެޗްޑީސީގެ ވަޒީފާއަކަށް ބަދަލުކުރުމަށެވެ.
އެ ދެ މީހުން މިހާރު އަދާކުރަމުންދާ މަގާމަށް މުވައްޒަފުން ހޯދަން އިއުލާންކުރީ އެ ދެ މީހުންނަށް ހާއްސަކޮށް ފަހާފައިވާ ކޯޓެއް ގޮތަށެވެ. އިންޓަވިއުއިން އެންމެ މަތީ މާކްސް ލިބުނީ އެ ދެ މީހުންނަށެވެ. މިއީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދީފައިވާ ވަޒީފާތަކެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ރައީސް މުއިއްޒު މިހަފްތާގައި ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެ ދެ މީހުން ބައިވެރިވި އެވެ. އެ ދެ މީހުން ކުރަންޖެހޭ މަސައްކަތަކީ މުއިއްޒު ވަޑައިގަންނަވާ ކޮންމެ ރަށަކަށް މުއިއްޒާއެކު ދިޔުމެވެ. ގޮސް މުއިއްޒުގެ އެކި ފޮޓޯތަކާއި ވީޑިއޯތައް ނަގައި ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް އެމަނިކުފާނު ޕްރޮމޯޓް ކުރުމެވެ. ރަށްރަށް ގޮސް އެކި މީހުންނާއެކު ސެލްފީ ނަގައި އުފާކޮށް މަޖާކޮށް ހަދަނީ ވަޒީފާ އަދާކުރަން އޮފީހަށް ދާންޖެހޭއިރު، ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާނުކޮށެވެ.
އެ ދެ މީހުން އޮފީހަށް ހާޒިރުނުވިޔަސް ބަރާބަރަށް މުސާރަ ލިބެ އެވެ. ޑޮލަރުން ދޭ ބަޔާއެކު މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް 50،000 ރުފިޔާ ކޮންމެ މަހަކު މަހަކު ޝިއުނާއަށް ލިބޭ ކަމަށް ސޯޝަލް މިޑިއާގައި ވާހަކަދެކެވިފައިވެއެވެ. މަލްޝާގެ މުސާރައަކީ 35،000 ރުފިޔާ އެވެ. މިއީ ކުންފުނިތަކުގައި ދާ އޮހޮރުވައިގެން ބުރަ މަސައްކަތްކުރާ މުވައްޒަފުންނަށް ލިބޭ މުސާރައަށް ވުރެ އެތައް ގުނައެއް ބޮޑު މުސާރައެކެވެ. ހަމައެކަނި މުއިއްޒު ޕްރޮމޯޓްކޮށްގެން އެ ދެ މީހުންނަށް ބޮޑު މުސާރަ ލިބެ އެވެ.
ކުންފުނިތަކުގެ އެހެން މުވައްޒަފުންނަށް ނުލިބޭ ހާއްސަ އިމްތިޔާޒުތަކެއް ޝިއުނާ އާއި މަލްޝާއަށް ލިބެ އެވެ. އެ ދެ މީހުން އުޅެނީ ކުންފުނިތަކުގެ ވެރިންނަށް ވުރެ ވެސް މަތީގަ އެވެ. ވަޒީފާއާ ބެހޭ ގާނޫނުގައި މުވައްޒަފުން އަމަލުކުރުމަށް ލާޒިމްކޮށްފައިވާ ކަންކަމުން އެ ދެ މީހުން އިސްތިސްނާވެ އެވެ. ސަބަބަކީ މުއިއްޒުގެ ވަރަށް ގާތް ދެ މީހުންނަށް ވީތީ އެވެ. މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުރިއިރު، މާލޭ ސިޓީ ކައުންސިލްގައި ވެސް ބޮޑު މުސާރަ ދީގެން އެ ދެ މީހުން ގެންގުޅުނެވެ. އޭރުވެސް ކުރަންޖެހޭ ކަމަކީ މުއިއްޒު ޕްރޮމޯޓްކުރުމަށް ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކުރަމުންނެވެ.
މިކަމާ ގުޅިގެން އެމްއޭސީއެލް އާއި އެޗްޑީސީގެ ގިނަ މުވައްޒަފުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
"އަޅުގަނޑުމެން ވެސް ބޭނުންވާނެދޯ ރައީސް މުއިއްޒު އަޅުގަނޑުމެންގެ އަތޮޅަށް ވަޑައިގަންނަވާއިރު، އެމަނިކުފާނާއެކު ދާން. އަޅުގަނޑުމެންނަށް ވެސް ޗުއްޓީއަކާ ނުލައި މުސާރަ ލިބޭގޮތަށް އާއިލާ ކައިރިއަށް ދެވޭނެ ނޫންތޯ. ކިހާ އުފާވާނެތޯ އަޅުގަނޑުމެންގެ އާއިލާ ވެސް. އެކަމަކު އެއީ އަޅުގަނޑުމެންނަށް އޮތް ފުރުސަތެއް ނޫން. ޝިއުނާއަށް އެކަނި އެ ފުރުސަތު މި އޮންނަނީ. އަޅުގަނޑުމެން އެފަދަ ދަތުރެއް ކޮށްފިނަމަ ވަޒީފާއިން ކަނޑާލާ،" ނަން ނުޖެހުމަށް އެދި އެމްއޭސީއެލްގެ މުވައްޒަފަކު ކިޔައިދިނެވެ.
އެ ކުންފުނީގެ އިސް މުވައްޒަފުން ދަނީ ޝިއުނާ މިގޮތަށް އޮފީހުގެ މަސައްކަތެއް ނުކޮށް ރަށްރަށަށް ދަތުރުކުރާތީ ނުރުހުން ފާޅުކުރަމުންނެވެ.
މިކަމާ ބެހޭ ގޮތުން އެމްއޭސީއެލްގެ ބަހެއް ހޯދުމަށް އެދުމުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.