އީރާނުުން ވާގިވެރިވާ ޔަމަނުގެ ހަނގުރާމަވެރި ޖަމާޢަތް, ހޫތީންގެ ދަރަޖަ މަތިކޮށް, އެ ޖަމާޢަތަކީ ބޭރުގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް ކަނޑައަޅުއްވައިފި އެވެ.
އެެމެރިކާގެ ރައީސްގެ މަގާމުގައި ޓްރަމްޕް ކުރިން ހުންނެވިއިރު ވެސް ހޫތީންނަކީ އެފްޓީއޯއެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފަ އެވެ. އޭގެ ފަހުން އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޖޯ ބައިޑަން ވަނީ ޔަމަނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހުރި ހުރަސްތައް ނައްތާލުމުގެ ބޭނުމުގައި ހޫތީންގެ ނިރުބަވެރިކަމުގެ ދަރަޖަ ދަށްކޮށްފަ އެވެ.
އެހެން ނަމަވެސް ޔަހޫދީ ދައުލަތުން އިސްތިއުމާރު ކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ދެއްކުމަށްޓަކައި ރަތް ކަނޑުގައި ދަތުރުކުރާ ވިޔަފާރި ބޯޓުފަހަރާއި އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އެމެރިކާގެ މަނަވަރުތަކަށް ހޫތީންގެ ހަމަލާތައް އަމާޒު ކުރަން ފެށުމުން އެ ޖަމާއަތަކީ ކޮންމެވެސް ސިފައެއްގެ ނިރުބަވެރި ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވެ އެވެ. ނަމަވެސް އޭރު ވެސް އެފްޓީއޯގެ ދަރަަޖަ އެ ޖަމާއަތަށް ދީފައެއް ނުވެ އެވެ.
ނަމަވެސް ޓްރަމްޕް ވެރިކަމާ އަލުން ހަވާލުވެވަޑައިގަތް ފުރަތަމަ ހަފުތާގެ ތެރޭގައި މި ވަނީ ހޫތީންނަކީ އެފްޓީއޯއެއް ކަމަށް އަލުން ކަނޑައަޅުއްވާފަ އެވެ. އެއާއެކު ހޫތީންނާ ދެކޮޅަށް އެމެރިކާގެ ނިމުނު ސަރުކާރުން އަޅާފައިވާ އިގްތިސާދީ ފިޔަވަޅުތަކަށް ވުރެ ހަރުކަށި ފިޔަވަޅުތަކެއް އެ ޖަމާއަތާ ދެކޮޅަށް އަޅާނެ އެވެ. އޭގެ ސަބަބުން ހޫތީންނާ ކުޑަ ވެސް ގުޅުމެއް އޮންނަ ޖަމިއްޔާތަކަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ އެވެ. އޭގެ އިތުރުން ޔަމަނުގައި ހަރަކާތްތެރިވާ އދ. ގެ ބައިވެރިންނާއި ޖަމިއްޔާތަކާއި އެކި މަޝްރޫއުތައް ހިންގާ ކުންފުނިތައް ވެސް އެމެރިކާގެ ސަރުކާރުގެ ރާޑަރަށް އަރާނެ އެވެ.
ވައިޓް ހައުސުން ބުނީ ހޫތީންނަކީ އެފްޓީއޯއެއް ކަމަށް ކަނޑައެޅީ އެ ޖަމާއަތުގެ ހަރަކާތްތަކުގެ ސަބަބުން އެމެރިކާގެ ރައްޔިތުންނާއި މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިންނާއި އެމެރިކާގެ ގާތް ސަރަޙައްދީ ބައިވެރިންގެ ސަލާމަތަށް ނުރައްކާވާތީ އާއި ބައިނަލްއަގުވާމީ ވިޔަފާރިއަށް ބުރޫ އަރާތީ ކަމަށެވެ.
ހޫތީންނާއެކު ފައިސާގެ މުއާމަލާތެއް ކޮށްފައިވާ އެއްވެސް ޖަމިއްޔާއަކާ އެކު ޔޫއެސްއެއިޑުން އެެއްވެސް ގުޅުމެއް ނުބޭއްވުމަށް ރައީސް ޓްރަމްޕް އިރުޝާދު ދެއްވާނެ ކަމަށާއި ހޫތީންނާ ދެކޮޅަށް ފިޔަަވަޅު އެޅުމަށް ދެކޮޅުހަދާ ޖަމިއްޔާތަކާ ގުޅުން ކަނޑާލާނެ ކަމަށް ވެސް ވައިޓް ހައުސުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޓްރަމްޕްގެ ނިންމެވުމާ ގުޅިގެން އިނގިރޭސިވިލާތުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އޮކްސްފެމުން ބުނީ އެ ނިންމުމުގެ ސަބަބުން ޔަމަނުގެ ރައްޔިތުންގެ ޙާލަތު އިތުރަށް ގޯސްވާނެ ކަމަށެވެ. އެ ނިންމުމުގެ ސަބަބުން ޔަމަނަށް ކޮންމެހެން މުހިންމު ކާބޯތަކެއްޗާއި ބޭހާއި ތެޔޮ އެތެރެ ކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެ އެވެ.
ޓްރަމްޕްގެ ސަރުކާރުން ހޫތީންނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވަނީ އޭގެ ސަބަބުން ނިކުންނާނެ ނަތީޖާ ފުރިހަމައަށް އެނގިތިބެ ކަމަށާއި އެ ނިންމުމުގެ ސަބަބުން ޔަމަނަށް ކުރިމަތިވާ ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ޙާލަތުގެ ފުރިހަމަ ޒިންމާ އެެމެރިކާގެ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް އެ ޖަމިއްޔާގެ އެމެރިކާގެ ގޮފި, އޮކްސްފެމް އެމެރިކާގެ ސުލްޙައާއި ސަލާމަތާ ބެހޭ ޑިރެކްޓަރު ސްކޮޓް ޕޯލް ވަނީ ބުނެފަ އެވެ.