އިނގިރޭސިވިލާތުގެ އޮކްސްފޯޑާއި އެސްޓްރާޒެނެކާ ގުޅިގެން ކޮވިޑުން ރައްކާތެރިވުމަށް އުފެއްދި ވެކްސިން ރައްކާތެރި ކަމަށް ފަހުގެ ޓްރަޔަލް އިން ދައްކައިފި އެވެ.

އެސްޓްރާޒެނެކާއިން ހޯމަ ދުވަހު ބުނިގޮތުގައި އޮކްސްފޯޑް ޔުނިވާސިޓީއާއި ގުޅިގެން ހަދާފައިވާ ވެކްސިނަކީ އަލާމާތްތައް ފެންނަ ބަލިތަކާ ހިލާފަށް 79 އިންސައްތަ އިފެކްޓިވް ވެކްސިނެކެވެ. މިވެކްސިނަކީ ޗިލީ، ޕެރޫ އަދި އެމެރިކާގައި ބޮޑެތި ޓްރަޔަލްތަކެއް ހިންގައި ކާމިޔާބުވެފައި އޮތް ވެކްސިނެކެވެ.

އެ ކުންފުނިން ބުނީ މި ވެކްސިނަކީ ބޮޑެތި ބަލިތަކަށް ހިލާފަށް 100 އިންސައްތަ މަސައްކަތް ކުރާ ވެކްސިނެއްކަމާއި އަދި މިއީ ރައްކާތެރި ވެކްސިނެއް ކަމަށް ވެސް ބުނެފައިވެ އެވެ. 32،000 ވޮލަންޓިއަރުން ހިމެނޭ އެންމެ ފަހުގެ ހިއުމަން ޓްރަޔަލް ދިރާސާގެ ނަތީޖާ ވެސް ހޯމަ ދުވަހު އާންމު އާއްމުކޮށްފައިވެ އެވެ.

މި ނަތީޖާއިން އެ ވެކްސިންގެ ރައްކާތެރި ކަމާމެދު ކުރާ ސުވާލުތަކަށް ރައްދުދެވޭނެ އެވެ.

ޔޫރަޕިއަން ޔޫނިއަން އިން ފެނިގެން ދިޔަ ލޭގަނޑުވުމުގެ މަދު ކޭސްތަކަކާ ގުޅިގެން އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދެމުން މި ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަން މި ނަތީޖާއިން ދައްކަ އެވެ.

ޔޫރަޕުގެ އެތައް ގައުމަކުން ވެކްސިންގެ ރައްކާތެރިކަމާމެދު ސުވާލު އުފައްދާފައިވާއިރު އެތައް ގައުމެއްގެ ލީޑަރުން ވަނީ އާންމުންނަށް ޔަގީންކަން ދިނުމުގެ ގޮތުން މި ވެކްސިން ޖަހާފަ އެވެ.

އެސްޓްރާޒެނެކާއިން ވަނީ ލޭގަނޑުވުމުގެ ކޭސްތައް ތަހުގީގުކޮށް ވެކްސިނާއި އެފަދަ ރިސްކްތަކާ ގުޅުމެއް އޮތް ކަމަށް ނުބެލެވޭ ކަމަށް ބުނެފަ އެވެ.

އެމެރިކާގެ 21،583 ބައިވެރިންގެ ތެރެއިން ވެސް ވެކްސިންގެ އެއް ޑޯޒު ޖެހުމުން އެއާ ގުޅިގެން އެއްވެސް ކަހަލަ ރިސްކެއް އޮތް ކަމަށް ނުބެލެވޭ ކަމަށް ވެސް އެސްޓްރާޒެނެކާ އިން ފާހަގަކޮށްފައިވެ އެވެ.

"މި ޓްރަޔަލްގެ ނަތީޖާތަކަކީ ރަނގަޅު ހަބަރެއް. އާ އާބާދީތަކުގައި ވެސް ވެކްސިން މަސައްކަތް ކުރާތަން ރަ،ގަޅަށް ފެނިގެން ދޭ. އަދި އޮކްސްފޯޑުން އިން ކުރިޔަށް ގެންދިޔަ ޓްރަޔަލްގެ ނަތީޖާތަކާއި މި ނަތީޖާތައް ދާދި އެއްވަރު،" އޮކްސްފޯޑް ވެކްސިން ގްރޫޕްގެ އިސްވެރިޔާ އެންޑްރޫ ޕްލާޑް ވިދާޅުވެފައިވެ އެވެ.

އެސްޓްރާޒެނެކާއިން ބުނި ގޮތުގައި އިންޓަރިމް އެންލައިސިސްގައި ބައިވެރިވެފައި ވަނީ 79 ޕަސެންޓް ހުދު އަދި ކާކޭޝިއަން، 8 ޕަސެންޓް ކަޅު އަދި އެފްރިކަން އެމެރިކަން، 4 ޕަސެންޓް ނޭޓިވް އެމެރިކަން އަދި 4 ޕަސެންޓް އޭޝިއަން، އަދި 22 ޕަސެންޜް ހިސްޕެނިކް މީހުންނެވެ.

މީގެ ތެރޭގައި 20 ޕަސެންޓް ބައިވެރިންނަކީ 65 އަހަރުން މަތީ މީހުންނެވެ. އަދި ގާތްގަޑަކަށް 60 ޕަސެންޓަކީ ކޮވިޑް ޖެހުމުގެ ފުރުސަތު ބޮޑު އެހެން ބަލިތައް ޖެހިފައިވާ މީހުންނެވެ. މީގެ ތެރޭގައި ހަކުރު ބަލި، ހިތުގެ ބަލި އަދި އޮބޭސިޓީ ހިމެނެ އެވެ.