ވަގު ފޯމު ފުރައިގެން ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށް މީހުން ވެއްދި މައްސަލައިގެ ތަހުގީގު ކުރިއަށް އެބަދާ ކަމަށާއި އަދި ތަހުގީގު ނިމުމުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ދީފި އެވެ.
ޕީޖީން މިކަން ހާމަކޮށްފައިވަނީ އެ އޮފީހުން މިއަދު އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް މިއަދު ފޮނުވި ސިޓީއެއްގަ އެވެ.
ޕީޖީ އޮފީހުން އެމްޑީޕީއަށް ފޮނުވި މި ސިޓީގައި ބުނީ ވަގު ފޯމު މައްސަލައާ ގުޅޭ މައުލޫމާތު ފުލުހުންގެ މުއައްސަސާއިންނާއި އިލެކްޝަންސް އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ހޯދިއިރު، އެ އިދާރާތަކުން ވަގު ފޯމު މައްސަލަ ބަލަމުންދާކަން އެނގިފައިވާ ކަމަށެވެ.
އެހެންކަމުން އެ އިދާރާތަކުގެ ތަހުގީގު ނިމި ޕީޖީ އޮފީހަށް ހުށަހެޅުމުން އެކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ޕީޖީ އޮފީހުން އެމްޑީޕީއަށް ދީފައިވެ އެވެ.
"މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރައްވައި ތަހުގީގު އިދާރާތަކުން މި އޮފީހަށް މައްސަލަ ހުށަހެޅުއްވުމުން މައްސަލައިގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް މި އޮފީހުން އަޅާނެ ވާހަކަ ދަންނަވަމެވެ،" ޕީޖީ އޮފީހުން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
އިދިކޮޅު ޕާޓީ، އެމްޑީޕީއަށް ޕީޖީން ސިޓީއެއް ފޮނުވީ ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވެއްދި މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި އެމްޑީޕީން ޕީޖީއަށް ފޮނުވި ސިޓީއެއްގެ ޖަވާބުގަ އެވެ.
އެމްޑީޕީން ވަނީ ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވެއްދި މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ.
ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވެއްދި މައްސަލަ އެމްޑީޕީގެ އިތުރުން ޑިމޮކްރެޓްސް އިން ވެސް ވަނީ ފުލުހަށް މިއަދު ހުށަހަޅައިފަ އެވެ. ޑިމޮކްރެޓްސްއިން ބުނީ އެ ޕާޓީގެ 700 އެއްހައި މެންބަރުން ވަގަށް ޕީއެންސީއަށް ވައްދާފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް، ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.