ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ އަންގާރަ ދުވަހު ހއ. ދިއްދުއަށް ކުރައްވާ ދަތުރުފުޅަށް ހުރަސްއެޅޭ ކަމެއް ނުކުރުމަށް އެރަށު ކައުންސިލުން އިދިކޮޅު އެމްޑީޕީގައި އެދިއްޖެ އެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސޮއިކުރައްވައި ވަނީ އެކަމާ ގުޅޭގޮތުން ދިއްދޫ ދާއިރާގެ އެމްޑީޕީ ރައީސް އަބްދުﷲ ވަހީދަށް ސިޓީއެއް ފޮނުވާފަ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ ދިއްދޫ ރައްޔިތުންނާ ރައީސް ބައްދަލު ކުރެއްވުމަށް ބާއްވާ ޖަލްސާއަށް ދަތިވާ ގޮތަށް ލައުޑް ސްޕީކަރު ފަދަ ވަސީލަތްތައް މެދުވެރިކޮށް އެއްވެސް ކަމެއް ނުކުރަން އެދޭ ކަމަށެވެ.

"މި ދަތުރުފުޅާ ގުޅިގެން އިންތިޒާމު ކުރައްވާ ހަރަކާތްތަކަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ތިޔަ ޕާޓީން ނުކުރެއްވުމަށާއި ރައީސުލްޖުމްހޫރިއްޔާ ދިއްދޫ ރައްޔިތުންނާއެކު ބާއްވާ ރަސްމީ ބައްދަލުވުމަށް ދަތިވާ ފަދަ ގޮތަކަށް ލައުޑް ސްޕީކަރު މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ވަސީލަތެއް މެދުވެރިކޮށް އެއްވެސް ކަމެއް ނުކުރުމަށް މި ކައުންސިލުން އިލްތިމާސް ކުރަމެވެ،" އެ ސިޓީގައިވެ އެވެ.

ދިއްދޫ ކައުންސިލުން މިފަދަ ސިޓީއެއް ފޮނުވިއިރު، ނިމިދިޔަ ވެރިކަމުގެ ދުވަސްވަރު އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެރަށަށް ވަޑައިގަތުމުން އިހްތިޖާޖުކޮށް ގަދަ ދައްކައި ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު އުޅޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.