އިންސާފު ހޯދައިދޭން އެތަކެއް ފަހަރު ފުރުސަތު ލުބުމުން ވެސް އިންސާފާއި އަދާލަތު ގާއިމްކުރުމުގެ ބަދަލުގައި އަނިޔާގެ ވާހަކަ ދައްކާލަ ދައްކާލަ ތިބުމަކީ އެއްވެސް މާނައެއް އޮތްކަމެއް ނޫން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވެރިކަންކުރާ އެމްޑީޕީއަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

އަލީ ހުސައިން މިފަދަ ރައްދެއް އެމްޑީޕީން އަށް ދެއްވާފައި ވަނީ މީގެ 17 އަހަރު ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މާފުށީ ޖަލުގައި ބަޑިޖަހައި ހަތަރު މީހަކު މަރާލި މައްސަލައިގެ ހަގީގަތް އަދިވެސް ހޯދިފައިނުވާ ކަމަށް ބުނެ އެމްޑީޕީން މިއަދު ބަޔާނެއް ނެރުމުންނެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓަށް ރިޕްލައި ކުރި ގިނަ މީހުން ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ބައެއް މީހުން ބުނިގޮތުގައި އިންސާފަކީ އެމްޑީޕީން ރައްޔިތުންގެ ތާއީދު ހޯދަން ބޭނުންކުރާ ހަމައެކަނި ބަހެއް ކަމަށެވެ.

އަނިޔާގެ ވާހަކަ އެމްޑީޕީން ދައްކަނީ ވޯޓު ހޯދުމުގެ ބޭނުމުގައި ކަމަށާއި ވެރިކަން ލިބުމުން އެ ބުނާ އަނިޔާގެ މަތިން ހަނދާން ނެތޭ ކަމަށް ބައެއް މީހުން ބުންޏެވެ.

"އިހްލާސްތެރިކަމެއްވެސް ނެތީއެވެ. ރައީސް ގެ ގޮނޑި ދިނީމަބުނީ މިވަރުން ނުވާނެޔޭ ވައުދު ފުއްދޭނީ މަޖިލިސް ދިނީމައޭ. ދުވަހެއްގެ ކޮޅުންވެސް ދެން ބަޔަކަށް ނުލިބޭނެ ވަރުގެ މެޖޯރިޓީއެއް ދިނީމަބުނީ އަދި ނުވާނޭ ދޭށޭ ކައުންސިލްވެސް. ނަސީބު ދެރަކަމުން ކޮވިޑްގަ ޖެހި ވައުދު ނުފުދި ތިބެން ޖެހުނީ" އެމްޑީޕީއަށް ފަޑުކިޔައި މީހަކު ކުރި ޓްވީޓެއްގައިވެ އެވެ.

އީވާން ނަސީމްގެ މައްސަލަ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އެމްޑީޕީން ބޭނުން ކުރަމުން އަންނަ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.