މަޝްހޫރު ރިއަލިޓީ ތަރި ކްރިސް ޖެނާގެ ދަރިފުޅު ކިމް ކާޑޭޝިއަން އާއި އޭނާގެ ފިރިމީހާ ކަންޔޭ ވެސްޓް ވަރިވުމާ ގުޅޭ ގޮތުން ކްރިސް ޖެނާ އެންމެ ފަހުން ވާހަކަދައްކައިފި އެވެ.

ހަ ދަރިންގެ މަންމަ، އުމުރުން 65 އަހަރުގެ ކްރިސް ޖެނާ ބުނީ އޭނާ ބޭނުންވަނީ ހަމައެކަނި އޭނާގެ ދަރިން އުފަލުގައި ތިބުމަށް ކަމަށެވެ.

"އަހަރެމެންގެ އާއިލާގެ ރަނގަޅު ކަމަކީ އަބަދުވެސް އެކަކު އަނެކަކަށްޓަކާ އަހަރެމެން ވާނަން. އެންމެންވެސް ވަރަށް ސަޕޯޓިވް ވާނެ. އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވާނެ،" އޮސްޓްރޭލިއާގެ ރޭޑިއޯ ޕްރޮގްރާމަކަށް ދިން އިންޓަވިއުއެއްގައި ކްރިސް ބުންޏެވެ.

"ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންސް ގެ ފަހު ސީޒަން މިއަންނަ ބުރާސްފަތި ދުވަހު ދައްކަން ހަމަޖެހިފައިވާ އިރު، އެ ޝޯގައި ކިމްގެ ވަރިއާ ގުޅޭ މަންޒަރުތައް ފެނިގެންދާނެތޯ ސުވާލުކުރުމުން ކްރިސް ޖެނާ ބުނީ "ފެނިދާނެ" ކަމަށެވެ.

ކިމް، 40، އޭނާގެ ފިރިމީހާ ކަންޔޭ ވެސްޓް، 43، ގާތުން ވަރިވާން އެދުނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ. އަދި ވަރިވުމުގެ ސަބަބެއް ކަމަށް ވަނީ "ދެ މީހުންގެ ދެމެދުގައި ހުރި ތަފާތުވުންތަކުގެ ސަބަބުން" ކަމަށް ބުނެފައިވެ އެވެ.

ކިމް އާއި ކާންޔޭ ކައިވެނިކޮށްގެން ހަ އަހަރު ދުވަސް އެކުގައި އުޅެފައިވާ އިރު، އެ ކައިވެންޏަށް ވަނީ ހަތަރު ކުދިން ލިބިފަ އެވެ.