ރައީސް މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެކުގައި ބޭއްވުމަށް މަސައްކަތް ކުރަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނުބާއްވައި އެއްބުރުން ވެރިކަމުގެ ދެވަނަ ދައުރެއް ހޯދުމަށް މަގުކޮށުމަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ދެ އިންތިހާބު އެއްކުލުމާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް މި އަހަރު ތެރޭގައި ނެގުމަށް ހުށަހަޅުއްވާނެ ކަމަށް މި އަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ގާނޫނުއަސާސީއަށާއި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އުމަރު ނަސީރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެންމެ ބޮޑު ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ބޭނުންވަނީ ހަރަދު ކުޑަކުރުމަށް ކަމަށް ބުނި ނަމަވެސް އެއީ އެ ބޭނުމުގައި ކުރާ ކަމެއް ނޫން ކަމަށެވެ.
މީގެ ފަހަތުގައި ފޮރުވިފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު އުނިކުރުމާއި އެންމެ ބުރެއްގެ ވޯޓުން ވެރިޔަކު ހޮވުން ކަމަށް އުމަރު ވިދާޅުވި އެވެ. އަދި މި ބަދަލު ޑްރާފްޓް ކޮށްގެން ނިކުންނައިރު އޮންނާނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު އުނިކޮށްފައި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ބޮޑު ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ މިހާތަނަށް އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފައި ނުވާތީ އެ ފުރުސަތު ފަސޭހަކޮށް ހޯދުމަށް ކަމަށެވެ.
"ރައީސަކު ވެރިކަމަށް އަންނަންވާނީ މަދުވެގެން ދެބައިކުޅަ އެއްބައި މީހުންގެ ރުހުން ލިބިގެންނެވެ. ވޯޓަކުންނެވެ. އެހެން ނޫނީ ހުރިހާ އެންމެންގެ މައްޗަށް ވެރިކަން ކުރުމުގެ ހައިސިއްޔަތު އެ މީހަކަށް ގެއްލިގެންދާނެ އެވެ. މި މަފްހޫމް ދިފާއުކޮށް ސާފު އަޣުލަބިއްޔަތަކުން މެނުވީ ރައީސަކު ވެރިކަން ކޮށްގެން ނުވާނެ ކަމަށް ބުނެ އަޅުގަނޑުމެން އެންމެން އަޑުއުފުލަންވާނެ އެވެ،" އުމަރު ވިދާޅުވި އެވެ.
ދެން އަންނަ ރިޔާސީ އިންތިހާބުގައިވެސް ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އުމަރު ވިދާޅުވީ ގާނޫނުއަސާސީއަށް މިދިޔަ އަހަރު މިސަރުކާރުން ގެނައި އިސްލާހާ ގުޅިގެންވެސް މަޖިލިސް މެންބަރުންގެ ބާރު ކެނޑިގެން ގޮސްފައިވާ ކަމަށެވެ.
"މިހާރު މި ވާހަކަ ދެކެވޭ ބަލަދުން ރައްޔިތުންގެ ބާރު ކެނޑި، 25 ޕަސަންޓް ވޯޓު ލިބިގެންވެސް ވެރިކަމުގައި ހުރުމުގެ ފުރުސަތު ލިބިދޭނެ އެވެ. ވެރިކަން ކުރަންވާނީ ސާފު އަޣުލަބިއްޔަތެއް ލިބިގެންނެވެ" އުމަރުގެ ބަޔާނުގައިވެ އެވެ.
އުމަރު އިތުރަށް ވިދާޅުވީ މަކަރުވެރިކަމާއި ހީލަތްތެރިކަމާ އެކު ހުރިހާ ކަމެއް ކުރުން މިސަރުކާރުގައި އަށަގަނެފައިވާ ކަމަށެވެ. އެންމެފަހުން ގާނޫނުއަސާސީ އަށް ގެނައި ބަދަލުގައިވެސް ދެއްކީ "ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭނެ" ވާހަކަ ކަމަށާއި ނަމަވެސް ނިމިގެން ދިޔައިރު ވަނީ ޕާޓީން ވަކިކުރުމުންވެސް ގޮނޑި ގެއްލޭ ގޮތަށް ހިމަނައި ފާސްކޮށްފައި ކަމަށް އުމަރު ވިދާޅުވި އެވެ.