މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު އައްޔަނުކޮށްފި އެވެ.
ފިނޭންސް މިނިސްޓަރުގެ މަގާމުން ޝަފީގު އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ރައީސް މުއިއްޒު ކެބިނެޓަށް ގެންނެވި ބަދަލުތަކަކާއެކު، ޝަފީގު އިސްތިއުފާ ދެއްވި ސަބަބާއި ގުޅޭގޮތުން މިހާތަނަށް ވާހަކަ ދައްކަވާފައި ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ޝަފީގު އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ.
މި ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން ކުންފުންޏަކީ ރާއްޖެއަށް ފުޅާދާއިރާއެއްގައި މުދާއެތެރެކުރުމާއެކު އަވައްޓެރި އެހެން ބައެއް ޤައުމުތަކަށް ރީއެކްސްޕޯޓް ކުރެވޭ ނިޒާމެއްގެ ތެރެއިން އާމްދަނީ އިތުރުކުރުމަށް އަމާޒުކޮށް އުފައްދާފައިވާ 100 ޕަސެންޓް ދިވެހި ކުންފުންޏެކެވެ.
އެ ކުންފުނި އުފެއްދީ ފަސް ކުންފުންޏެއްގެ ހިއްސާ އޮވެގެންނެވެ. އޭގެ ތެރޭގައި އެސްޓީއޯ އާއި އާބަންކޯ އާއި އެމްޕީއެލް އާއި އެމްޓީސީސީ އަދި އެމްއޭސީއެލް ހިމެނެ އެވެ.