މާފުށި ޖަލުގައިހުރި ނައިޖީރިއާ އަށް ނިސްބަތްވާ ގައިދީއަކު މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މަރުވެފައި ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އުމުރުން 35 އަހަރުގެ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ނަމަކަށް ކިޔާ މީހަކު ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ މިއަދު ހަވީރު އޭނާ އެހެން މީހުންނާއެކު ޔާޑްގައި ކުޅެން ހުއްޓާ ކުއްލިއަކަށް ވެއްޓުމުން، ވަގުތުން އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް އަވަސް ފަރުވާ ދީފައިވާ ކަމަށެވެ. އަދި ހަތަރު މިނެޓްތެރޭ މާފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށް ވެސް ބުންޏެވެ.

އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރު ކަނޑައަޅާފައިވަނީ ހަވީރު 5:20 ގައި ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ.

އޭނާ އަކީ ރާއްޖޭގައި މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. އޭނާ އަކީ ދާއިމީ އެއްވެސް ބައްޔަކަށް ފަރުވާހޯދަމުން އަންނަ މީހެއް ނޫން ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ.

އެ މީހާ މަރުވުމުން މަރުވުމާއި އެކަން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަށާއި ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ އަންގާފަ އެވެ.