މާލޭގައި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ހައްޔަރުކުރި ފަސް މީހަކު ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލައިފި އެވެ.

އެ މީހުން ދޫކޮށްލީ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. އޭގެތެރޭގައި އެންމެ ނުރައްކާތެރި ކުށްވެރިން ވެސް ހިމެނެ އެވެ.

އެކި ގޭންގުތަކުގެ މެދުގައި ހިނގަމުންދާ ސިލްސިލާ މާރާމާރީތައް އަދިވެސް ނުހުއްޓުވެ އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ އައިޖީއެމްއެޗު ކައިރިން މީހެއްގެ ބޮލުގައި މަރުތޭލަކުން ޖެހި މައްސަލާގައި ހިމެނޭ މީހަކު ފިލައިގެން މެލޭޝިޔާއަށް ދިޔުމުން ފުލުހުން ވަނީ އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އޭނާ ރާއްޖެ ގެނެސް ހައްޔަރުކޮށްފަ އެވެ.

އެއީ ފުވައްމުލައް ސިޓީ، ބަނަފްސާގޭ ހުސައިން އަރީޝް، 31 އެވެ. އޭނާ ފުރައިގެން ދިޔައީ އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރު ހޯދާފައި ވަނިކޮށެވެ.

އޭނާ އަކީ މާފަންނުގައި އޮޕަރޭޓް ކުރާ ގޭންގެއްގެ އިސް މީހެކެވެ.

ފުލުހުން ބުނީ އަރީޝްގެ ކުށުގެ 26 ރެކޯޑެއް އޮންނަ ކަަމަށެވެ. އެއީ މާރާމާރީގެ 15 ރެކޯޑަކާއި މަސްތުވާތަކެތީގެ ހަ ރެކޯޑެއްގެ އިތުރުން މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ ތިން ރެކޯޑުގެ އިތުރުން ތޫނު ހަތިޔާރު ގެންގުޅުމުގެ ދެ ރެކޯޑެވެ.

ހުޅުމާލޭގެ ރެހެންދި ޓާފް ދަނޑު ކައިރިން މި މަހުގެ 8 ވަނަ ދުވަހުގެ ރޭ މީހަކަށް ހަމަލާދީ ޒަހަމްކޮށްލުމަށް ފަހު، ފިލަން މާލެ އަންނަނިކޮށް ވެސް ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މީގެއިތުރުން ހުޅުމާލޭގެ ޓާފް ދަނޑު ކައިރިން މީހަކަށް ކޯރާޑިއަކުން ހަމަލަދިން މަައްސަލައިގައި ވެސް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލާގައި ހައްޔަރުކުރީ ގދ. ފިޔޯރީ، ހީނާމާގޭ ރުސްތުމް އިބްރާހިމް، 25 އާއި ބ. ގޮއިދޫ ފިނިފެންމާގޭ ސައިފުﷲ ފައިސަލް، 19 އެވެ. އޭގެ ތެރެއިން ސައިފުﷲ ބަންދުކުރީ އެ މައްސަލައިގެ ތަހުގީގާއި ޝަރީއަތް ނިމެންދެންނެވެ. ރުސްތުމްގެ ބަންދަށް މި މަހުގެ 10 ގައި ކޯޓުން ދިނީ ތިން ދުވަހެވެ.