މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ހިތްހަމަޖަައްސާލަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްގީކުރި ރަސްފަންނާއި ސަލްޓަން ޕާކުގެ ގިނަ ތަންތަން މާރާމާތުނުކޮށް ދޫކޮށްލާފައި އޮތުމުން ވަރަށް ބޮޑަށް ވީރާނާވެ، ހަލާކުވެފައިވާ ތަން ފެނިވަޑައިގަތުމުން ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ތަރައްގީކުރި ދެތަން ސަރުކާރާއި ސިޓީ ކައުންސިލުން ނުބެލެހެއްޓުމުން އެ ދެތަނުގެ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
ރައީސް މުއިއްޒު މިއަދު ހެނދުނު ރަސްފަންނަށް ވަޑައިގެން އެތަނުގެ ހާލަތު ވަނީ ބައްލަވާލައްވައިފަ އެވެ.
އެތަން ބައްލަވާލެއްވުމަށްފަހު އެކްސްގައި ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކް ވެސް ދަނީ ވީރާނާވަމުން ކަމަށެވެ.
"މި ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން. މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މަޢުލޫމާތަށްޓަކައި ދަންނަވަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވިއިރު ކުރިން މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުން ގެންދިޔަ ރަސްފަންނު ސާފުކޮށް ބެލެހެއްޓުމުގެ ޒިންމާ މިހާރު ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.
ދާދިފަހުން "ހުރިހާ"ގެ ނޫސްވެރިއަކު އެ ސަރަހައްދަށް ގޮސް ބެލިއިރު އެތަނުގައި ހުރި ގިނަ ހަޓުތަކާއި ޖޯލިތަކާއި ފެންވަރާތަނާއި ބާބެކިއު ހަދާ ގްރިލްތައް ވެސް ވަނީ ހަލާކުވެ ދަބަރަށްވެފަ އެވެ.
ރަސްފަންނުގައި ހިންގާ ޕޮމެލޯ ރެސްޓޯރެންޓު ހިމެނޭ ގޮތަށް ޝަވަރުތައް މަރާމާތުކޮށް ބަލަހައްޓަން ހަވާލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީއާ އެވެ.