ބޮލީވުޑްގެ މަޝްހޫރު ތަރި އަރުޖުން ކަޕޫރަށް އޭނާގެ ކުރީގެ ލޯބިވެރިޔާ މަލައިކާ އަރޯރާ ފެނުމުން ބުނާނެ އެއްޗެއް ނޭނގި "ބަސް ހުއްޓިއްޖެ" އެވެ.
ލޯބީގެ ގުުޅުން ނިމުނު ފަހުން އަރުޖުންއާއި މަލައިކާ ބައްދަލުވެފައި މިވަނީ އިންޑިއާގެ ޓީވީ ޗެނަލްއަކުން ދުރަށް ދައްކާ ނެށުމުގެ ރިއަލިޓީ ޝޯއެއްގެ ތެރެއިންނެވެ.
އަރުޖުންގެ ކުރިއަށް އޮތް ފިލްމު "މޭރޭ ހަޒްބެންޑް ކީ ބީވީ"ގެ ޕްރޮމޯޝަންއަށް އަރުޖުންއާއި ބޫމީ ޕެޑްނޭކަރް އެ ޝޯއަށް ދިޔައިރު މަލައިކާއަކީ އެ ޝޯގެ ފަނޑިޔާރެކެވެ.
އަރުޖުންއާއި މަލައިކާ އެކުގައި ފެންނަ އެޕިސޯޑުގެ ޕްރޮމޯތައް ނުކުމެފައިވާއިރު ގިނަ ބަޔަކު އަންނަނީ އެ އެޕިސޯޑަށް އިންތިޒާރު ކުރަމުންނެވެ.
އެ ޕްރޮމޯއިން ފާހަގަވި ކަމަކީ ކުރީގެ ލޯބިވެރިންނެއް ކަމަކު އަރުޖުންއާއި މަލައިކާގެ މެދުގައި އެއްވެސް ކަހަލަ ރުޅިވެރި ކަމެއް ނެތް ކަމެވެ. އެގޮތުން ޝޯގެ ތެރެއިން މަލައިކާ ދިން ހުށައެޅުމަކަށްފަހު އަރުޖުން ބުނެފައިވަނީ އޭނާގެ ބަސް ހުއްޓި އަނގަ ވެސް ބަންދުވެއްޖެ ކަމަށެވެ.
އޭގެ އިތުރުން ވެސް އަރުޖުން ވަނީ މަލައިކާއަކީ ވަރަށް ގަދައަޅާ މަސައްކަތްކުރާ ހިތްވަރުގަދަ އަންހެނެއް ކަމަށް ބުނެ އޭނާއަށް ތައުރީފު ވެސް ކޮށްފަ އެވެ.
އަހަރުތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެ ދެތަރިން ވަކިވެފައިވާއިރު ގުޅުން ނިމުނު ވަކި ސަބަބެއް މީޑިއާއަށް އެނގިފައެއް ނުވެ އެވެ.