ރޯދަ މަހުގެ ރޭގަނޑުގެ އެންމެ ފަހު ކެއުމަށް ދިވެހި ބަހުން ކިޔަނީ ހާރު ކެއުމެވެ. ހެނދުނުގެ ނާސްތާ އާއި ނުވަ ގަޑީގެ ސަޔާއި މެނދުރު ކެއުމާއި ހަވީރު ސަޔާއި ރޭގަނޑު ކެއުން އޮންނަ ފަދައިން ރޯދަ މަހުގެ ހުރިހާ ކެއުމަކަށް ވެސް ދިވެހި ބަހުގައި ނަންތައް އޮވެ އެވެ. ޚާއްސަކޮށް ރޯދަ ވީއްލުމާއި ހާރު ކެއުންފަދަ ބަސްބަހަކީ އަރަބި ބަހުން ވާހަކަ ނުދައްކާ އިސްލާމީ އެހެން ގައުމުތަކާ ޚިލާފަށް ދިވެހި ބަހުގައި ވަރަށް ފުރިހަމައަށް ތަރުތީބުވެގެން އައިސްފައިވާ ބަސްބަހެވެ. އެހެން ނަމަވެސް ޒަމާނާއެކު މީސްތަކުންގެ ވިސްނުމަށް އަންނަ ބަދަލުތަކާއެކު ބަސް ބަސް ބަދަލުވެ، އާ ބަސްބަސް އުފެދި އިހުގެ ބަސްތައް ނެތި ދިއުމަކީ ގުދުރަތުގެ އާދަ އެވެ. އެ ބަސްތައް މުތާލައާކޮށް ކުރަންޖެހޭ ދިރާސާތައް ކުރުމުގެ މަސައްކަތް ރާއްޖޭގައި މަތިވެފައި އޮންނަ އިދާރާއަކީ ދިވެހި ބަހުގެ އެކެޑަމީ އެވެ.
ދިވެހި ބަހުގެ އެކަޑެމީއިން ދާދި ފަހުން ވަނީ އާ ބަސްތަކެއް ވުޖޫދަށް ގެނެސްފަ އެވެ. އެއާއެކު ސޯޝަލް މީޑިއާ ފުރާލީ އާންމުންގެ ކަންބޮޑުވުންތަކުގެ ދިގު ލިސްޓަކުންނެވެ. ޚިޔާލުފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި ދިވެހި ބަހާއި އަދަބާއި ތާރީޚުގެ ފުންނާބު އުސް ބޭބޭފުޅުން ހިމެނެ އެވެ. އެބޭފުޅުން ފާޅުކުރެއްވި ޚިޔާލުފުޅުތަކުގެ ތެރޭގައި ޒަމާނުއްސުރެ ދިވެހި ބަހުގައި ހުރި ލަފުޒުތަކަށް ވެސް އާ ނަންތައް ހަދާފައި ހުރުމާއި އަރަބި ބަހުން އައިސް ދިވެހިވެފައި ހުރި ނަންތަކަށް ސާންސްކްރިތު ބަހުގެ ލަފުޒުތައް ވެއްދުން ފަދަ ޝަކުވާ ހިމެނެ އެވެ.
ރަސްމީ އިދާރާގެ ބަސް
އަލަށް އުފެއްދި ބަސްތަކާ ބެހޭގޮތުން "ހުރިހާ"އާ ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަބްދުއްރަހީމް ވިދާޅުވީ އަސްލު މައްސަލައަކީ އެ އެކެޑަމީއިން ބަސް ލިސްޓު އިއުލާން ކުރިއިރު އެއީ އަލަށް އުފެއްދި ބަސްތައް ކަމަށް ލިޔެވިފައި އޮތުމެވެ. އެހެން އޮތުމަކީ ކުށެއް ކަމަށް އަޝްރަފު އެއްބަސްވެ ވަޑައިގަންނަވަ އެވެ.
އަޝްރަފް ވިދާޅުވީ ހަގީގަތުގައި އިއުލާންކުރި ހުރިހާ ބަހަކީ އަލަށް އުފެއްދި ބަސްބަހެއް ނޫނެވެ. ގިނަ ބަސްތަކަކީ އެކި ގޮތްގޮތަށް ބޭނުންކުރަމުން އަންނަ ބަސްތައް ކޮމިޓީއިން ދިރާސާ ކުރެއްވުމަށްފަހު ރަސްމީކޮށް ދިވެހި ބަސްކަމުގައި ބަލައިގަނެ ރަދީފުގައި ހިމެނި ބަސް ބަހެވެ. އެހެން ނަމަވެސް ސިއްހީ ދާއިރާއަށް ބޭނުންވާ ބައެއް ބަސް ބަސް ފަދަ ބަސްތައް މުޅިން އަލަށް ވެސް ހަދާފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޝްރަފު ވިދާޅުވިގޮތުގައި އަލަށް ނެރުނު ލިސްޓުގައި ދިވެހި ބަހުގެ ތެރޭގައި ޒަމާންތަކެއް ވަންދެން އެ ބަސްތައް ބޭނުންކުރެވިފައި ހުރުމުން އާންމުން ބަލައިގެންފައިވާ ބަސްބަސް ވެސް ދިވެހި ބަހުގެ ގޮތުގައި ބަލައިގެންފައި ހުންނާނެ އެވެ.
އެކެޑަމީ އިން މިފަހަރު އާންމުކުރި ބަސްތަކުގެ ތެރެއިން އާންމުންގެ އެންމެ ޝަކުވާ ބޮޑުވި ބަސްތަކަކީ ދިވެހިން ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ހާރުކެއުމަށް "ސުހޫރު" ކިއުމާއި ކުޑަކަމުދާ އެއްޗެއްސަށް "މޫތު" ކިއުމާއި ކުރިން ތަސައްވުރު ކިޔަމުން އައި މާނަ ދޭހަވާ ގޮތަށް ލިސްޓުކުރި މާރެސް އެވެ. އެކެޑަމީގެ ރައީސް އަޝްރަފު އެ ބަސްތަކުގެ ވާހަކަ ވެސް ވަރަށް ތަފުސީލުކޮށް ވިދާޅުވެދެއްވި އެވެ.
މޫތު! އައްޑޫ ބަހެއް
އަޝްރަފު ވިދާޅުވިގޮތުގައި މޫތު މިބަހަކީ ފަހަރެއްގައި ވެސް ބަސް ކޮމިޓީއިން އަލަށް އުފެއްދި ބަހެއް ނޫނެވެ. އެ ބަހަކީ އައްޑޫގައި ބޭނުންކުރާ ބަހެކެވެ. މުސްކުޅި ބަހެކެވެ. އައްޑޫގެ މަޝްހޫރު ލިއުންތެރިއަކު އެކަން ކަށަވަރުކޮށް ދެއްވުމުގެ ގޮތުން ފޮނުއްވި މެސެޖެއްގައި އޮތީ އެބަހަކީ އައްޑުގައި ކުރިން ބޭނުންކުރި ބަހެއް ކަމަށެވެ.
"ކޮއްޔާ މޫތު ލާގަން" ކުޑަކުދިން ހީސް ލައްވަން އުޅޭއިރު އައްޑޫގައި މައިން ބޭނުންކޮށް އުޅޭ ބަހެއްކަމުގައި ބުނެފައި އޮތެވެ. އެހެން ނަމަވެސް އޭނާ ވެސް ބުނެފައި އޮތީ އެހާ އާންމުކޮށް ބޭނުންކުރާ ބަހެއް ނޫން ކަމަށެވެ.
އަޝްރަފް ވިދާޅުވީ މޫތު، މޫތަރައިގެ ގޮތުގައި ދިވެހި ހަކީމީ ބޭސްވެރިކަމުގެ ތެރޭގައި ވެސް ބޭނުންކުރާ ކަމަށެވެ. އެހެންކަމުން ބަސް ކޮމިޓީއިން ކުރި ކަމަކީ އެބަސް ރަދީފަށް ވެއްދުމެވެ. އަލަށް ބަހެއް ހެދީއެއް ނޫނެވެ.
ސުހޫރު
ސުހޫރަކީ ހާރުކެއުމަށް އަރަބި ބަހުން ކިޔާ ނަމެވެ. އަރަބި ނޫން ބައެއް އެހެން މުސްލިމު ގައުމުތަކުގައި ވެސް އެބަސް އެގޮތަށް ބޭނުންކުރެ އެވެ.
އަޝްރަފު ވިދާޅުވި ގޮތުގައި ބައެއް ދީނީ އިލްމުވެރިން ހާރުކެއުމަށް ސުހޫރު ނޫން ބަހެއް ކިޔާކަށް ބޭނުމެއް ނުވެ އެވެ. އެ ބަސް ބޭނުންކުރާ މިންވަރު އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ ގިނަވަމުންނެވެ. އެހެންކަމުން އެ ބަސް ވެސް މިހާރު މިވަނީ ރަދީފަށް ލާފަ އެވެ. ދިވެހި ބަހެއްގެ ދަރަޖަ ދެވުނީ އެވެ.
މާރެސް
މާރެސްއަކީ ތަސައްވުރާ ދާދި އެއް މާނައެއްގައި ބޭނުންކުރުމަށް ރަދީފަށް އިތުރު ކުރި ބަހެކެވެ. އަޝްރަފު ވިދާޅުވި ގޮތުގައި މާރެސްއަކީ ވެސް އަލަށް އެކެޑަމީ އިން ހެދި ބަހެއް ނޫނެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމުގެ 2020ގެ ތަސައްވުރުގައި ވެސް އެބަސް އެގޮތުގައި ބޭނުންކޮށްފައި އޮތެވެ. އެހެން ކަމުން އެ ބަސް ވެސް އެއޮތީ ރަދީފަށް އިތުރުކޮށް، ރަސްމީކޮށްފަ އެވެ.
ރަދީފުގައި ހުންނަ ކޮންމެ ބަހެއް އެގޮތަށް ބޭނުންކުރަން ޖެހޭތަ؟
ބަހަކީ ވަކިވަކި ފަރުދުން ހަދާ އެއްޗެއް ނޫނެވެ. އެއީ ގުދުރަތީ ގޮތުން އުފެދޭ އެއްޗެކެވެ. އެހެން ނަމަވެސް އާ އީޖާދުތަކާއި ހާލަތުތައް ތައާރަފުވާއިރު، އާ ބަސް ބަސް އުފެދިފައި ނެތްނަމަ އެކަމަށް މަތިކޮށްފައި ހުންނަ އިދާރާއަކުން އާ ބަސް ބަސް އުފެއްދުމަކީ ކުރާ ކަމެކެވެ. އެގޮތަށް އުފައްދާ ބަސްތައް ކޮންމެހެން އެންމެން ބޭނުންކުރުން ލާޒިމެއް ނޫނެވެ. މިހާރު ވެސް ރަދީފުގައި ހުއްޓަސް ބޭނުންނުކުރާ ބަސްތައް މަދެއް ނޫނެވެ.
އަލަށް އުފައްދާ ބަސްބަހަށް ވާނީ ކިހިނެއް؟
އަލަށް އުފައްދާ ބަސްބަހަށް އޮތީ ދެގޮތެކެވެ. އެއްގޮތަކީ ލިޔުންތެރިންނާއި ވާހަކަ ދެއްކުންތެރިން އެބަސް ބަސް ބޭނުންކުރުމުގެ ސަބަބުން ބަހާ އެކުވެ، ބަހުގައި ހަރުލުމެވެ. ދެވަނަ ގޮތަކީ މަދު ބަޔަކު ބޭނުންކުރި ކަމުގައި ވިޔަސް އާންމުންނަށް ބަލައިގަންނަން އުނދަގޫވުމުން ބަހުގެ ތެރެއަށް ނުވަދެ އުވި ދިއުމެވެ.
އެކެޑަމީ އިން އަލަށް އުފެއްދި ބަސްބަހަށް ވާނެ ގޮތެއް ބުނަން އަދި އަވަހެވެ. އެނގޭކަމަކީ ދިވެހި ބަހުގެ އޮޑީގެ ހަފޮޅުން އެތެރޭގައި ގިނަ ދުވަސްވުމުގެ ސަބަބުން ސުހޫރަށް ދިވެހި ޕާސްޕޯޓު ލިބުނުއިރު، ބްރެކްފާސްޓް އަދި އޮތީ ވެއިޓިން ލިސްޓުގައި ކަމެވެ.