ބިން ބޮޑު ކުރުމާއި ސަރަހައްދު ފުޅާކުރުމުގެ ވާހަކައަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ކެމްޕޭނުގެ ވައުދެކެވެ. ގްރީންލޭންޑް އެމެރިކާގެ ދަށަށް ގެންދާނެ ވާހަކައާއި ކެނެޑާއަކީ އެމެރިކާގެ ސްޓޭޓަކަށް ހަދާނެ ވާހަކަ އެވެ. މިފަދަ ވާހަތަކަކީ ހަގީގަތަކަށް ވެދާނެ ވާހަކަތަކެއްބާއޭ، ސުވާލު އުފެދުނުކަމުގައި ވިޔަސް މާޒީއަށް ބަލާއިރު އެމެރިކާ، ބިޔަ ބޮޑު ގައުމަކަށް ވެފައި ވަނީ ބިން، ފޭރުމާއި ޖަހައިގަތުމުގެ ސިލްސިލާއެއްގެ ތެރެއިންނެވެ. މި ލިއުމުގައި ބަލާލާނީ އެމެރިކާ މިހާރުގެ ސައިޒަށް ބޮޑުވި ގޮތަށެވެ.
ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އުފަންވުން
ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (ޔޫއެސްއޭ) ގައުމެއްގެ ގޮތުގައި އުފެދުނީ އުތުރު އެމެރިކާގެ 13 ކޮލޮނީއެއް އިނގިރޭސިންގެ އަތްދަށުން ވަކިވުމަށް ނިންމި ނިންމުމާ ގުޅިގެންނެވެ. އެމެރިކާގެ ބައްރުގައި އިނގިރޭސިންގެ އަތް ދަށުން މިނިވަންވުމަށް ކޮލިނީތައް ކުރަމުންދިޔަ ހަނގުރާމަ ނިމުމަކަށް އައީ އެ 13 ކޮލޮނީ ނުވަތަ ސްޓޭޓްގެ ވަކިވުން އިނގިރޭސިން ގަބޫލުކުރުމުންނެވެ. އެކަމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކުރެވުނީ 1783 ވަނަ އަހަރު ޕެރިހުގަ އެވެ.
ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ނަމުގައި އަލަށް ވުޖޫދުވި ގައުމަކީ މިހާރު އެއޮތް ބިޔަ އެމެރިކާ ފަދަ ބޮޑު ގައުމެއް ނޫނެވެ. މިނިވަންކަން ލިބުމާއެކު އެމެރިކާ އިން މަސައްކަތް ފެށީ އެގައުމުގެ ސަރަހައްދު ބޮޑު ކުރުމަށެވެ
ލޫސިއާނާ (1803)
ޔޫއެސްއޭ ވުޖޫދުވުމަށްފަހު އެ ގައުމުގެ ބިން ފުޅާކުރުމަށްޓަކައި ފުރަތަމަ އިތުރުކުރި ބިމަކީ ލޫސިއާނާ އެވެ. އޭރު އެއީ ފްރާންސްގެ ބާރުގެ ދަށުގައި އޮތް ބިމެކެވެ. އެމެރިކާގެ ރައީސް ތޯމަސް ޖެފަސަންގެ ވެރިކަމުގައި ފަރަންސޭސި ވިލާތާއެކު ކުރެވުނު މަޝްވަރާގެ ނަތީޖާއެއްގެ ގޮތުން ގާތްގަނޑަކަށް 827،000 ސްކްއެއާ މޭލުގެ ބިން 15 މިލިއަން ޑޮލަރަށް ގަތެވެ. އެއީ މިސިސިޕީ ކޯރުގެ ހުޅަނގުންނެވެ. އެ ވިޔަފާރިއާއެކު އޭރުގެ އެމެރިކާގެ ބޮޑު މިން ދެގުނަ އިތުރުވި އެވެ.
ޓެކްސަސް (1845)
ޓެކްސަސްއަކީ ވެސް އެމެރިކާ އުފެދުނުއިރު އެ ގައުމުގެ ބައެއް ނޫނެވެ. އޭރު އެއީ މެކްސިކޯގެ ސްޓޭޓެކެވެ. އެމެރިކާ ފުޅާކުރުމަށް ހިންގި ކެމްޕޭނުގެ ތެރެއިން ހިތްވަރު ލިބިގެން ޓެކްސަސް މެކްސިކޯގެ ދަށުން ވަކިވެ، މިނިވަން ގައުމެއްގެ ގޮތުގައި އިއުލާންކުރި އެވެ. އެއަށްފަހު މާގިނަ ދުވަހެއް ނުވެ ޓެކްސަސް އެމެރިކާގެ 28 ވަނަ ސްޓޭޓްގެ ގޮތުގައި އެމެރިކާ އާ ގުޅުނެވެ. ނަތީޖާއެއްގެ ގޮތުން މެކްސިކޯ އާއި އެމެރިކާއާ ދެމެދު ހަނގުރާމަ ފެށުނެވެ. އެ ހަނގުރާމަ 1846 ން 1848 އަށް ދެމި އޮތެވެ. ދެ އަހަރުން ހަނގުރާމަ ނިމުމަކަށް އައީ އެމެރިކާ އިން މެކްސިކޯއަށް ގިނަ އަދަދެއްގެ ފައިސާ ދޭ ގޮތަށް އެއްބަސްކުރެވުނު މުއާހަދާއެއްގެ ތެރެއިންނެވެ.
އޮރިގަން (1846)
އޮރިގަން ސްޓޭޓަކީ އެމެރިކާ އުފެދުނުއިރު އިނގިރޭސިންގެ ބެލުމުގެ ދަށުގައި އޮތް ސްޓޭޓެކެވެ. އެ ބިމުގެ މިލްކު ވެރިކަމާމެދު އެމެރިކާއިން ދައުވާކޮށް އިނގިރޭސިވިލާތާ އެކު ބޮޑު މައްސަލަގަނޑަކަށް އެމެރިކާ ވަނެވެ. އެހެން ނަމަވެސް ދެފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން އިތުރު ހަނގުރާމައަކަށް ނުގޮސް އެ ބިން އެމެރިކާއަށް ލިބޭ ފަދަ އެއްބަސްވުމަކަށްއަ އެވެ. އޮރިގަން އެމެރިކާގެ ބަޔަކަށްވުމުން ޕެސިސިފިކް ކަނޑަށް އެ ގައުމު ހުޅުވުނެވެ.
މެކްސިކޯގެ ބައެއް މިލްކު ކުރުން (1848)
ޓެކްސަސްގެ މައްސަލައިގައި މެކްސިކޯ އާއި އެމެރިކާ އާއި ދެމެދު ހިނގި ހަނގުރާމަ ނިމުނީ އެމެރިކާއަށް މެކްސިކޯގެ އިތުރު ބިންތަކެއް މިލްކުވެގެންނެވެ. އެގޮތުން މިހާރުގެ ކެލިފޯނިއާ އާއި ނެވާޑާ އާއި އެރިޒޯނާ ހިމެނޭހެން ބޮޑު ބައެއް އެމެރިކާގެ ދަށަށް އަ އެވެ. ބަދަލުގައި މެކްސިކޯއަށް އެމެރިކާއިން ދިނީ 15 މިލިއަން ޑޮލަރެވެ. އެ ބިންތަކުގެ ސަބަބުން އެމެރިކާގެ މުއްސަނދިކަން އިތުރުވެގެން ދިޔަ އެވެ. ޚާއްސަކޮށް ކެލިފޯނިއާގެ ރަނަކީ ލިބުނު ޣަނީމާ އެއް ފަދަ އެވެ.
އެލެސްކާ (1867)
އެލެސްކާއަކީ ކުރިން ރަޝިއާގެ ބައެކެވެ. އޭރު އެމެރިކާގައި އޮތް އިނގިރޭސި ބާރު ކަމަށްވާ މިހާރުގެ ކެނެޑާގެ ސަރަހައްދުން އައިސްދާނެ ނުރައްކަލަކަށް ވިސްނާފައި ރަޝިޔާއިން އެލެސްކާ އެމެރިކާއަށް ވިއްކާލަން ނިންމި އެވެ. އެންމެ 7.2 މިލިއަން ޑޮލަރަށް އެލެސްކާގެ ބިޔަ ބިން ގަތުމުން އެމެރިކާގެ ބޯޑަރު އާކްޓިކް ސަރަހައްދަށް ފުޅާވީ އެވެ. ހަމައެއާއެކު ތެލާއި ރަނުގެ ބޮޑު ސްޓޮކެއް އެލެސްކާގެ ޒަރީއާއިން އެމެރިކާއަށް މިލްކުވީ އެވެ.
ހަވާއީ
ހަވާއީއަކީ މިނިވަން ރަސްކަމެއް ކުރަމުން ގެންދިޔަ ގައުމެކެވެ. އެމެރިކާ އުފެދުމާއެކު އެމެރިކާގެ ނުފޫޒު ހަވާއީގެ ޒުވާން ސިކުނޑިތަކަށް ފޯރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން އެތަނުގެ ރަސްކަން ބަދަލުކުރެވުނެވެ. އެއަށް ފަހު އުފެދުނު ޕްރޮވިންޝަލް ސަރުކާރުގެ ތާއީދާއެކު އެމެރިކާގެ ބައެއްގެ ގޮތުގައި ހަވާއީ ހަމަޖެހުނެވެ.
އެމެރިކާ އުފެދި ފުޅާކުރަމުން އައިސްފައި ވަނީ ބިން ގަތުމާއި ހަނގުރާމަ ކޮށްގެންނާއި އިގުތިސާދީ ދަތިކުރުމުގެ ތެރެއިން ބިން އިތުރުކުރުމުގެ ސިޔާސަތެއްގެ ދަށުންނެވެ. މިހާރުގެ ސަރުކާރުން އެމެރިކާގެ ބައެއް ކަމަށް ކެނެޑާއާއި އައިސް ލޭންޑް ހެދުމުގެ ޚިޔާލު ފާޅުކުރުމުން، ދުނިޔެ އެހާ ކަންބޮޑުވަނީ އެގައުމުގެ މާޒީއިން ލިބޭ ފިލާވަޅުތަކުގެ ސަބަބުންނެވެ.