ޝެޓާރާ ސިމްސްއަށް ފާއިތުވެގެން ދިޔައީ ދަތި އަހަރުތަކެކެވެ. 2012 ވަނަ އަހަރު އޭނާގެ ދޮށީ އަންހެން ދަރިފުޅު ވަނީ މިސޫރީގެ ކެންސަސް ސިޓިގައި ހިނގި ދެބަސްވުމެއްގެ ތެރޭގައި މަރާލާފަ އެވެ. މިދިޔަ އަހަރުގެ ރިސެޝަންގެ ތެރޭގައި ޝެޓާރާގެ ވަޒީފާ ވެސް ގެއްލި ހާޅުގައި ޖެހުނެވެ.
މިދޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޝެޓާރާ އާއި އޭނާގެ ހަނގު އަންހެން ދަރިފުޅު ރާކިޔާ އެޑްމޮންޑްސަން ފިހާރައަށް ދިޔައީ އެންމެ ހަތް ޑޮލަރު ހިފައިގެންނެވެ. ނަސީބު ކަންދިމާކުރި ގޮތުން ޕާކިން ލޮޓް ތެރެއިން ދެމައިންނަށް ޑޮލަރު ބިލެއް ފެނުނެވެ. އެއަށް ލޮޓެރީ ޓިކެޓެއް ގަނެގެން އެ ލޮޓަރީ އިން ހޮވި، އެ ދެމައިންނަށް ބަދަލުގައި 100 ޑޮލަރު ލިބުނެވެ.
އެ 100 ޑޮލަރު ބޭނުންކުރުމުގެ ކުރިން ރާކިޔާއަށް އައީ ރަނގަޅު ހިޔާލެކެވެ. އެ ދުވަސްވަރު ކެންސަސް ސިޓީގައި އެންމެ ގަދަޔަށް ފެތުރު ހަބަރަކީ ޓައިލާ މޮސް ކިޔާ ފުލުސް މީހެއް ޑިއުޓީގައި ހުއްޓާ އޭނާގެ ބޮލަށް މީހަކު ބަޑި ޖަހައިގެން އުޅޭ ވާހަކަ އެވެ. އަދި އޭނާގެ ހާލު ދެރަ ކަމަށް ވެސް ހަބަރުތަކުގައި ރިޕޯޓުކޮށްފައި ހުއްޓެވެ.
ރާކިޔާ އާއި އޭނާގެ މަންމަގެ ހަނދާނަށް އައީ އެ މީހުންގެ އާއިލާ މެންބަރުގެ މަރާއި ގުޅިގެން ފުލުހުން ފޯރުކޮށްދިން އެހީތެރިކަމެވެ.
"ހުރިހާ ޑިޓެކްޓިވުން ވެސް އަހަރެމެންނާއި އެކުގައި ވި. އެމީހުން އަހަރެމެންގެ ހާލު ބަލަން އައި. ބައްޕައެއް ރޯލާއި ތެރަޕިސްޓުންގެ ރޯލުވެސް އަދާކުރީ އެމީހުން،" ޝެޓާރާ ބުންޏެވެ.
ރާކިޔާ ބޭނުންވީ އެ ފައިސާ ފުލުސް މީހާގެ އާއިލާއަށް ހަދިޔާ ކުރުމަށެވެ. ޝެޓާރާ ވެސް ދަރިފުޅުގެ އެ ނިންމުމަށް ތާއީދު ކުރި އެވެ.
ޖުލައި މަހުގެ 10 ވަނަ ދުވަހު ފުލުސް އޮފީހަށް ގުޅާފައި ކާކުކަން ނޭނގޭ ގޮތަށް ފައިސާގެ އެހީއެއް ދޭން ބޭނުންވާ ކަމަށް ޝެޓާރާ ބުންޏެވެ. ޝެޓާރާމެން މި ފައިސާ ހަދިޔާ ކުރަން ނިންމީ ސަބަބު އެނގުމުން ފުލުހުން ތިބީ ބަސްހުޓިފަ އެވެ.
"އޭނާގެ މާލީ ހާލަތު ހުރި ގޮތާ ބަލާފައި އަހަރެމެން އެދުނިން އޭނާ އަތުުގައި އެ ފައިސާ ބަހައްޓަން. އެކަމަކު އޭނާ ބުނަމުން ދިޔައީ އޭނާއަށް ވުރެ އަނިޔާވެފައި އޮތް ފުލުސް މީހާގެ އާއިލާއަށް އެ ފައިސާގެ ބޭނުން ބޮޑަށް ޖެހިފައިވާ ކަމަށް،" ފުލުހުންގެ ޑިޕާޓްމެންޓުން ބުނެފައިވެ އެވެ.
ޝެޓާރާގެ އާއިލާގެ މި ހިތްހެޔޮކަން ފެނި ފުލުހުން ވަނީ އޭނާއަށް އެހީވުމަށް ގޯފަންޑްމީގައި ޕޭޖެއް ހަދާފަ އެވެ. އަދި "ރަން ހިތެއްގެ ވެރިޔާ" ގެ ނަމުން ނަންދިނެވެ. އެމީހުންގެ އަމާޒަކަށް ވީ 10،000 ޑޮލަރު އެއްކުރުމެވެ. އެހެން ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހާ ހަމައަށް އެ ޕޭޖަށް 165،000 އަށްވުރެ ގިނަ ފައިސާ ލިބިފައިވެ އެވެ.
މީގެ އިތުރުން އެމީހުން އެހީވި ފުލުސް އޮފިސަރުގެ ހާލުވެސް ދަނީ ރަނގަޅު ވަމުންނެވެ. މިގެ ކުރިން ޑޮކްޓަރުން ބުނަމުން ދިޔައީ އޭނާ ދުނިޔޭގައި ހުރުމުގެ ފުރުސަތު އޮތީ އެއް އިންސައްތައަށް ކަމަށެވެ.