މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފި އެވެ.
ޒަކާތު ހައުސްއިން ބުނީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ފިތުރުު ޒަކާތް ދެއްކޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ޒަކާތު ހައުސްއިން ބުނީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާއެކު އޮންލައިންކޮށް ޒަކާތް ބަލައިގަންނާނެ ކަމަށެވެ. އެގޮތުން މިފަހަރު ވެސް އޮންލައިންކޮށް 5 ޕްލެޓްފޯމްއަކުން ޒަކާތް ދެއްކޭނެ ކަމަށް އެ އޮފީހުން ބުނެ އެވެ.
ޒަކާތް ދެއްކޭނެ ގޮތްތައް:
- ދިރާގު އެޕް/ ދިރާގު ޕޭ (ވެބްސައިޓް)
- އުރީދޫ، އެމް ފައިސާ (އެޕްލިކޭޝަން)
- މޯލްޑިވްސް އިސްލާމިކް ބޭންކު (އެޕްލިކޭޝަން)
- ބޭންކް އޮފް މޯލްޑިވްސް މޯބައިލް އެޕްިލޭޝަން
- ފަހިޕޭ (އެޕްލިކޭޝަން)
- ބަނޑޭރި ޕޭ
ޒަކާތު ހައުސްއިން ބުނީ ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަަމަށް އެ އޮފީހުން ބުނެ އެވެ. އޭގެ އިތުރުން ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅާފައިވާތީ ރަމަޟާންމަހު ކައުންޓަރުން ޒަކާތް ބަލައިގަންނާނެ ގަޑިތައް ވެސް ޒަކާތު ހައުސްއިން ވަނީ އިއުލާންކޮށްފަ އެވެ.
ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތައް
- 2 މާޗް އިން 20 މާޗްއަށް: ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު: 9:30 އިން މެންދުރު 1:00 އަށް
- 23 މާޗް އިން 30 މާޗްއަށް: ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު: 11:00 އިން މެންދުރު ފަހު 2:00 އަށް
ޒަކާތު ހައުސިން އިން ބުނީ ރަށްރަށުގައި ނަގުދު ފައިސާއިން ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު އަދި ސިޓީ ކައުންސިލުން ކަމަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު:
- އާދައިގެ ހަނޑޫ: 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ: 62 ރުފިޔާ
- ރަތް ހަނޑޫ: 86 ރުފިޔާ
- ބާސްމަތީ ހަނޑޫ (އާދައިގެ): 74 ރުފިޔާ
- ބާސްމަތީ ހަނޑޫ (މޮޅު) 100 ރުފިޔާ
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 133 ރުފިޔާ
- އާދައިގެ ފުށް: 10 ރުފިޔާ
- އާޓާ ފުށް: 75 ރުފިޔާ
ފިތުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ހައްގުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިތުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރު އެވެ.