ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ ގެ މެމްބަރު ކަމުގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ޔައުގޫބްގެ މެމްބަރުކަމުގެ ގޮނޑިއާ މެދު ސުވާލު އުފެދުނީ އަލަށް އުފެއްދި ޗާޓަޑް އެކައުންޓަންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލުގެ މެމްބަރު ކަމަށް ޔައުގޫބް އައްޔަން ކުރެވުނު ހިސާބުން ފެށިގެންނެވެ. އެ މަގާމުން ޔައުގޫބް ވަނީ ފަހުން އިސްތިއުފާ ދެއްވައިފަ އެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާ ބުނާ ގޮތުން، މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ އެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޕީޕީއެމްގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ ކުރީގެ ފިލްމީތަރި އަސްއަދު ޝަރީފެވެ.

ބައެއް ގާނޫނީ ވަކީލުން ފާހަގަކުރެއްވި ގޮތުގައި، މަޖިލީހުގެ މެންބަރު ކަމުގައި ހުންނަވަނިކޮށް ދައުލަތުގެ އެހެން މުއައްސަސާގެ އެއްވެސް މަގާމެއް ފުރުއްވައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވަނިކޮށް އެފަދަ މަގާމެއް ފުރުއްވުމުން ޔައުގޫބްގެ މެންބަރުކަން ވަނީ ގެއްލިފަ އެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށި ފަހުން މިއީ މެންބަރެއްގެ ގޮނޑީގެ ސައްހަ ކަމާ މެދު ސުވާލު އުފެދުނު ފުރަތަމަ ފަހަރެވެ. ބައެއް ގާނޫނީ ވަކީލުން ފާހަގަކުރައްވާ ގޮތުގައި، މި މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅައި ނިހާއީ ނިންމުމެއް ނިންމަން ޖެހޭ ކަމަށެވެ.