ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ސަރުކާރުން ހުށަހެޅި ބިލަށް ވޯޓު ނުދިނުމަށް ނިންމުމާ ގުޅިގެން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހަރަކާތްތަކުން އެކަހެރި ކޮށްފައިވާ ހިތަދޫ މެދު ދާއިރާގެ މެންބަރު، އަހުމަދު އަޒާން މަރުޒޫގު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަކިކޮށްފި އެވެ.
އެ ދެ ކޮމިޓީން އަޒާން ވަކި ކުރުމަށްފަހު ޕީއެންސީގެ ފަރާތުން އަޒާން ހަމަޖައްސާފައި ވަނީ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށައި ޕެޓިޝަން ކޮމިޓީއަށެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މަޖިލީހުގެ އެންމެ މުހިންމު ދެ ކޮމިޓީން އަޒާނު ވަކިކުރުމަށް އެންގެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
އަޒާންގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހަމަޖައްސާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އައިފާން އެވެ. 241 ކޮމިޓީއަށް ޕީއެންސީން ހަމަޖެއްސީ ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލް އެވެ.
"ހުރިހާ"އާ ވާހަކަދައްކަވަމުން އަޒާން މިއަދު ވިދާޅުވީ އެ ދެ ކޮމިޓީން ވަކިކުރިކަން މަޖިލީހުން އަންގާފައިވާ ކަމަށެވެ.
ދެ ކޮމިޓީއަކުން އަޒާން ވަކިކޮށް، އެހެން ދެ ކޮމިޓީއަކަށް އޭނާ އައްޔަންކޮށްފައިވާކަން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާން ކުރައްވާފަ އެވެ.
ރައީސް މުއިއްޒު އާއި އަޒާން އާ ދެމެދު މައްސަލަ ޖެހުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން މަޖިލީހުން ފާސްކުރި ބިލާ އޭނާ ދެކޮޅު ހެދުމުންނެވެ. އަޒާން ވަނީ ދެ ފަހަރެއްގެ މަތިން ޕީއެންސީގެ ތްރީ ލައިން ވިޕާ ހިލާފުވެފަ އެވެ. އެގޮތުން ބިލު ފާސްކުރަން ނެގި ވޯޓުގައި ބައިވެރިނުވެ، އަޒާން ވަނީ މަޖިލިސް ދޫކޮށް ގޮސްފަ އެވެ.
ވިޕްލައިންއާ ހިލާފުވި މައްސަލައިގައި އަޒާން ޕީއެންސީގެ ޕީޖީ ރަސްމީ ވަޓްސްއެޕް ގްރޫޕުން ވެސް ބޭރުކޮށްލާފައިވެ އެވެ. އަދި އޭނާ ޕާޓީން ކަނޑާލައި މަޖިލީހުގެ ގޮނޑި ގެއްލުވާނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.