މިފްކޯ މިހާރު އޮތް ހާލަތުން ކޮޅަށް ޖަހަން ވަރަށް "ޓަފް ޑިސިޝަންތަކެއް" ނަގަން ޖެހޭ ކަމަށް އެ ކުންފުނީގެ އާ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން އައްޔަން ކުރި ތިންވަނަ ސީއީއޯ މިހެން ވިދާޅުވިއިރު، އެންމެ ފަހުން އެ ކުންފުންޏަށް ގެނައި ސީއީއޯ ޑރ. ވިޓާލީ ލުބިމޯވް ވަނީ މިދިޔަ ހަފުތާގައި މަގާމުން ވަކިކޮށްފަ އެވެ. އޭނާ މަގާމުން ވަކިކުރީ އެ ކުންފުނީގެ ބައެއް ޑިޕާޓްމަންޓްތަކުގައި ތިބި ބާރުގަދަ ބައެއް ވެރިން މަގާމުން ވަކިކުރުމާއި ބޯޑާ ދެމެދު އުފެދުނު ކޯޅުމުގެ ތެރެއިން ކަމަށް އެނގިފައިވެ އެވެ. މިގޮތުން މެނޭޖްމެންޓް ޕާފޯމެންސް ރިވިއުއެއް ހެދުމަށްފަހު ތިން ޖެނެރަލް މެނޭޖަރަކު މަގާމުން ވަކިކޮށްފައިވެ އެވެ.

ވިޓާލީގެ ބަދަލުގައި އަލަށް އައްޔަންކުރި ފަރުހަތު ވިދާޅުވީ މިފްކޯއަކީ މަސްވެރިކަމުގެ ސިނާއަތުގައި ލީޑްކުރާ ފައިދާ ކުރަނިވި ކުންފުންޏަކަށް ހެދޭނެ ކަމަށެވެ.

މިހާރު މިފްކޯ އޮތް ހާލަތުން ކޮޅައް ޖެހުމަށް ވަރަށް އަވަހަށް މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހޭ. ވަރަށް ޓަފް ޑިސިޝަންތަކެއް އަޅުގަނޑުމެން ނަގަން ޖެހޭނީ. އެކަންކަން ކުރެވިއްޖެ ކަމަށްވަންޏާ ﷲ އިރާދަފުޅާއެކު މިކުންފުންޏަކީ މަސްވެރިކަމުގައި ދިވެހި ރާއްޖޭގައި ލީޑްކުރާ ފައިދާ ކުރަނިވި ކުންފުންޏަކަށް ހެދޭނެ ކަމުގެ ޔަގީންކަން އެބައޮތް،" އޭނާ ވިދާޅުވި އެވެ.

ފަރުހަތު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަށް ދެމެހެއްޓެނިވި ތަރައްގީތަކެއް ގެނެވިއްޖެ ނަމަ، ކުރިއެކޭ އެއް ގޮތަށް މި ސިނާއަތަކީ ރާއްޖޭގެ އެއްވަނަ ސިނާއަތަށް ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިކަން ހާސިލްކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާ ފަރުހަތު ވިދާޅުވީ ކަމާ ގުޅުންހުރި ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތުން މި އަމާޒަށް ވާސިލްވެވޭނެކަން ޔަގީންކުރައްވާ ކަމަށެވެ.