ވަޒީފާގެ އޮނިގަނޑުން މަހްރޫމްވެފައިވާ ކަމަށް ބުނެ، ގިނަ އަދަދެއްގެ ސިއްހީ ހިދުމަތްތެރިން ހިމޭން އިހްތިޖާޖެއްކޮށްފި އެވެ.

މި އިހުތިޖާޖުގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ގިނަ އަދަދެއްގެ ނަރުހުންނާއި ޑޮކްޓަރުންނާއި މަސައްކަތު މީހުން ބައިވެރިވި އެވެ.

މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން މިއަދު ބުނީ މި އިހްތިޖާޖްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ސިއްހީ ހިދުމަތްތެރިން ހިމޭން އިހްތިޖާޖްގައި ބައިވެރިވެފައިވާ ކަމަށެވެ.

އެމްއެޗްޕީޔޫ އިން ބުނި ގޮތުގައި ރައްޔިތުންނަށް ހިދުމަތް ކުރުމަކީ އަބަދުވެސް، ސިއްހީ ހިދުމަތްތެރިންގެ ޝަރަފެކެވެ. ނަމަވެސް އެންމެ އަސާސީ ހައްގު، ކަމުގައިވާ، ކުރިއެރުން ލިބިދޭ، ވަޒީފާގެ އޮނިގަނޑު ނެތުމުން އެކަމުގެ އަސަރު ކުރުވާ ކަމަށް އެ ޓުވީޓުގައިވެ އެވެ.

މި އިހުތިޖާޖުގައި ބައިވެރިވާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ސޯޝަލްމީޑިއާގައި އެމީހުންގެ އިހުސާސްތައް ހާމަކޮށްފަ އެވެ.

ހިމޭން އިހްތިޖާޖްގައި ބައިވެރިވި މީހުން ވަޒީފާއަށް ގޮސްފައިވަނީ އަތުގައި ކަޅު ކުލައިގެ ރިބަނެއް އައްސައިގެންނެވެ. އަދި ހިމޭން އިހްތިޖާޖްގެ ފޮޓޯތައް އެމްއެެޗްޕީޔޫ އިން ދަނީ ޓުވީޓު ކުރަމުންނެވެ.