ކޯޓަށް ވަދެގެން ދިޔައިރު ހިތް ނުތަނަވަސް ވެފައި ހުރި ކަމުގައި ވިޔަސް އެތަނުގައި ކަންތައް ދިޔައީ މަލަކާ ހީކުރި ވަރަށް ވުރެ އޮމާން ކޮށެވެ. ވަރީގެ ފޯމުގައި ހުރި އެއްވެސް ވާހަކައަކަށް އަލީމްގެ ފަރާތުން އިންކާރެއް ނުކުރެ އެވެ. ގާޒީގެ ނަސޭހަތާއި އިރުޝާދުތަކަށް ފަހު ދެފަރާތުން އެދުނުގޮތަށް ވަރީގެ ކަންތައް ހަމަޖެހިއްޖެ އެވެ.
ކޯޓުން ނިކުމެގެން ޓެކްސީގައި ގެއަށް ދިއުމުގެ ބަދަލުގައި މަލަކާ މިސްރާބު ޖެހީ އޮފީހަށެވެ. ހަފުތާއެއްގެ ޗުއްޓީ ނަގާފައި އޮތް ކަމުގައި ވިޔަސް އޮފީހުގެ ފޯނުން އާމިރު ކުރި ފޯނު ކޯލާއި ދެއްކި ވާހަކައިގެ ސަބަބުން އޮފީހަށް ދާން ބޭނުންވީ އެވެ.
ކެބިންއަށް ވަން ވަގުތު މިނިސްޓަރުގެ ކޮޓަރި ކޮޅުން ނިކުމެގެން ދިޔަ މަޖިލިސް މެންބަރު ހުސޭން ފަތުހީ އާއި ތެލުގެ ވިޔަފާރިކުރާ މަޝްހޫރު މީހެއްކަމުގައިވާ އުނިމާ ހަސީބު މަލަކާއަށް ފާހަގަވި އެވެ. އެ ދެމީހުން ވެސް ދިޔައީ މަލަކާއަށް ފާޑަކަށް ލޯ އަޅާފަ އެވެ.
ހަސީބަކީ ލާމު އަތޮޅު ދެ ފަޅު ހޯދުމަށް މަސައްކަތް ކުރަމުންދާ މީހެކެވެ. އެކަމަށް އެހީތެރިއެއްގެ ގޮތުން ބައިވެރިވަނީ މެންބަރު ފަތުހީ އެވެ. އެއީ މިނިސްޓަރުގެ ތިމާގެ މީހެކެވެ. އެ މުއާމަލާތު ހިނގާ ގޮތުން އެކަމާ ހިތްހަމަނުޖެހޭކަން މަލަކާއަށް ވަނީ މިނިސްޓަރަށް ދެންނެވިފަ އެވެ. މިނިސްޓަރުގެ ކަންތައްތަކަށް ރަސްމީ ގޮތުން ލަފާ އެރުވުމުގެ މެންޑޭޓެއް މަލަކާއަށް ނެތްކަމުގައި ވިޔަސް އެވާހަކަ ދައްކަން ޖެހުނީ އޭނާއަށް އެކަމުގެ ތެރޭގައި އުޅެން ޖެހުމުގެ ސަބަބުންނެވެ. އެވަގުތު މަލަކާގެ މޭޒު މަތީގައި ހުރި ފޯނު ރަނގަބީލު ވާން ފެށި އެވެ. މަލަކާ ފޯނު ނެގި އެވެ.
"އަޅުގަނޑު ހީކުރީ މަލަކާ ހުންނެވީ ޗުއްޓީގަ ކަމަށް،" ފޯނު ކުރެއްވީ މިނިސްޓަރެވެ. މިނިސްޓަރުގެ އަޑުގައި ނުތަނަވަސްކަމެއް ހުއްޓެވެ.
"އާދެ އަޅުގަނޑު ތިން ދުވަހަށް އޮފް ނަގާފަ އޮތީ. އޮފީހުގައި އެއްޗެއް ބާއްވާފައި ދެވިގެން ބަލާ މި އައީ."
ހަގީގަތުގައި މަލަކާ މިއަދު އޮފީހަށް އަންނަން ޖެހޭ ސަބަބެއް ނެތެވެ. މަލަކާގެ ޗުއްޓީ ތިން ދުވަހަކީ ކިތަންމެ ގިނަ ޑީލްތަކެއް ނިމޭނެ ދުވަސްތަކެއް ކަން މަލަކާއަށް އެނގެ އެވެ. ހަސީބާއި ފަތުހީ މިނިސްޓަރުގެ ކޮޓަރިކޮޅުން ނިކުމެގެން ދިޔަ މަންޒަރަކީ ވެސް ހަގީގަތުގައި މަލަކާއަށް ފެނިގެން ނުވާނެ މަންޒަރެކެވެ.
"މިކޮޅަށް ޖައްސާލެވިދާނެތޯ؟ ވަގުތު އޮތިއްޔާ ކުޑަ އެއްޗެއް ޑިސްކަސް ކޮށްލަން ކަމަށް،"
މިނިސްޓްރީ ތެރޭގައި ފަހަކަށް އައިސް ހިނގަމުން އަންނަ ކަންތައްތަކާ ދޭތެރޭ މަލަކާ އެހާ ހިތްހަމައެއް ނުޖެހެ އެވެ. އޭގެ ތެރޭގައި ލާމު އަތޮޅުން ހަސީބު މެން ހޯދަން އުޅޭ ދެރަށާއި ތިލަދުން މަތީ އުތުރު ބުރިން އެމީހުން ހޯދަން އުޅޭ ރަށުގެ މައްސަލަ ހިމެނެ އެވެ. ރަށްތައް ކުއްޔަށް ދިނުމުގައި އަމަލުކުރަމުން އައި އުސޫލަށް ބަދަލު ގެނެސް ހުރިހާ ނިންމުންތަކެއް ސިޔާސީ މުވައްޒަފުން ނިންމާ ގޮތަށް ހަމަޖެއްސި ފަހުން ކަންތައްދާ ގޮތަކީ އެހާ ޕްރޮފެޝަނަލް ގޮތެއް ކަމުގައި މަލަކާއަށް ގަބޫލުނުކުރެވެނީ އެވެ. ޚާއްސަކޮށް ތަފާތު ޒޯންތަކުގެ އަގަށް ބަދަލު ގެނެވޭ ގޮތަށް އޮންނަ ގަވާއިދުގެ ބޭނުން ހިފައިގެން އެ ރަށްތަކުގެ އަގު ދަށްކޮށްފައި އޮތްގޮތަކީ އިންސާފެއް ކަމުގައި ގަބޫލު ކުރަން ދަތިވަނީ އެވެ.
"އަޅުގަނޑު ވަކި ކަމެއް ނެތް. ދެން ދާންވީ. އެހެން ވީމަ މިވަގުތު އޯކޭތޯ؟" މަލަކާ ބޭނުންވީ ދައްކަން އޮތް ވާހަކައެއް އަވަހަށް އަޑު އަހާލާފައި އޮފީހުން ނިކުންނާށެވެ.
"އާދެ! ހަމަ ރަނގަޅު ވާނެ. ވަޑައިގަންނަވާ."
މިނިސްޓަރުގެ އަޑުގައި ވަކި ޚާއްސަ ކަމެއް ނެތެވެ. އަބަދުވެސް ހުންނަ ޝައުގުވެރިކަމެވެ. މިނިސްޓަރަކީ މުރާލި ހީވާގި ބޭފުޅެކެވެ. ޒުވާން ސަމައްތަރު ހެޔޮ ފެޝަނަށް ލޯބި ކުރައްވާ ބޭފުޅެކެވެ. މިނިސްޓަރުގެ މުއްސަނދި ދިރިއުޅުއްވުމާއި ޗާލާކީ ލައިފް ސްޓައިލުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ދަމައިގެންފަ އެވެ. ޕާޓީ މީހުންގެ ތާއީދާއި ތަރުހީބު އޮހެމުންދާއިރު އިދިކޮޅު މީހުންގެ ފާޑު ކިއުންތަކާއި ތުހުމަތުތައް ދަނީ އަމާޒުވަމުންނެވެ.
މިނިސްޓަރުގެ އޮފީހަށް މަލަކާ ވަންއިރު މިނިސްޓަރު ހުންނެވީ ފޯނު ކޯލެއްގަ އެވެ. މަލަކާ ވަނުމާއެކު އިޝާރާތުން އިށީންނަން އަންގަވާފައި ފޯނުގެ އަޑު އައްސަވަން ހުންނެވި އެވެ.
"އެކަންތަކާ ވިސްނަވާނެ ކަމެއް ނެތް. ހަތަރު ރަށް ވެސް ލިބިވަޑައިގަންވާނެ. ރޭވިފައި އޮތްގޮތަށް ކަންތައް ދާންވާނެ،"
ފޯނު ބާއްވަމުން މިނިސްޓަރު ވިދާޅުވި އެވެ. ހީވާ ގޮތުން އެދެއްކެވީ ހަސީބުމެންނަށް ދޭން ހަމަޖެހިފައި އޮތް ރަށްތަކުގެ ވާހަކަ އެވެ. އެރަށްތަކާ ބެހޭ އެއްބަސްވުމުގެ ފައިލް މަލަކާއަށް ލިބުނެވެ. އެ ލިއުންތަކުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން ޚިޔާލުފާޅުކުރި ފަހުން އެރަށްތަކާ ބެހޭ ވާހަކައެއް މަލަކާއަކާ ހިއްސާއެއް ނުކުރެ އެވެ.
"މަލަކާ ހާލު ކިހިނެއް؟" މިނިސްޓަރުގެ ސުވާލަކަށް މަލަކާ ވަކި ޖަވާބެއް ނުދެ އެވެ. "ކިހިނެއް ކޯޓުގެ ކަންތައް ދިޔައީ؟"
"ހަމަ ރަނގަޅަށް ދިޔައީ. ހީކުރި ވަރަށް ވުރެ ފަސޭހަކޮށް ދިޔައީ." ތަންކޮޅެއް އަވަހަށް ޕޮއިންޓަށް ދިއުމުގެ ބޭނުމުގައި މަލަކާ ޖަވާބު ދިނެވެ.
މިނިސްޓަރު އެއްސެވީ މިވަގުތު ކަންތައް ހުރި ގޮތުން ޗުއްޓީއެއް ނަންގަވަންވީ ނޫންތޯ އެވެ. އަހަރީ ޗުއްޓީ ވެސް ނުނަގާ ކަމުގައި ވިދާޅުވަމުން މިނިސްޓަރު އެދިވަޑައިގެންނެވީ ޗުއްޓީއެއް ނެގުމަށެވެ.
ކަންތައް ވަމުންދާ ގޮތާއި ޗުއްޓީއެއް ނެގުމަށް މިނިސްޓަރު އެދިވަޑައިގެންނެވުމާ ގުޅިގެން، ވަމުންދާ ގޮތް މަލަކާއަށް އިހުސާސް ކުރެވުނެވެ. މިނިސްޓަރުގެ ވާހަކަފުޅަށް ދޭނެ ޖަވާބަކާ މެދު ވިސްނާލުމަށް މަލަކާއަށް ހިނދު ކޮޅެއް ބޭނުންވި އެވެ. (ނުނިމޭ)