ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކުރި މައްސަލަ އޭނާގެ ފަރާތުން އދ. ގެ ފަނޑިޔާރުންނާބެހޭ ސްޕެޝަލް ރެޕަޓުއާއަށް ހުށަހަޅައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލަކާ ގުޅިގެން ކަމަށް ބުނެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކޮށް, އެ ބޭފުޅުންގެ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް ދަނީ ބަލަމުންނެވެ.

އޭގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމަށްފަހު ފަނޑިޔާރުންނަށް ސަރުކާރުން ނުފޫޒު ފޯރުވާ މައްސަލަ އޭނާގެ ފަރާތުން ވަނީ އދ. އާއި ޔޫރަޕިން ޔޫނިއަން އާއި ކޮމަންވެލްތަށް ވެސް ހުށަހަޅައިފަ އެވެ.

އަޒްމިރަލްދާގެ ވަކީލް އިބްރާހިމް ޝަމީލް މިއަދު ނެރުއްވި ބަޔާނުގައިވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކޮށް, ދައުލަތުގެ އިދާރާތަކުން ހިންގަމުންދާ އިޖުރާއަތްތަކާ ގުޅިގެން ޔޫއެން ސްޕެޝަލް ރެޕްޓުއާ އޮން އިންޑިޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔާސްއަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. މީގެއިތުރުން އެމްބަސީތަކާއި ހައިކޮމިޝަންތަކުގެ ސަމާލުކަމަށް ވެސް މައްސަލަތައް ގެނެސްފައިވާނެ ކަމަށް ބަޔާނުގައި ބުންޏެވެ.

ޖޭއެސްސީން ބަލާ މައްސަލައިގައި ތުހުމަތު ކުރަނީ ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމުން އޭނާ ބަންދު ނުކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށެވެ.

އެކަމާ ގުޅިގެން އެ ބަޔާނުގައިވަނީ ޖޭއެސްސީން ބަލާ މައްސަލައިގެ ތަހުގީގަށް ކްރިމިނަލް ކޯޓުގެ ތިން ގާޒީއަކު ބަޔާން ދެއްވިއިރު, ފަނޑިޔާރު އަޒްމިރަލްދާ އެއްވެސް ގާޒީއަކަށް ގުޅުއްވައި ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ކޮށްފައިނުވާކަން ހާމަވެފައިވާ ކަމަށެވެ.

"ކްރިމިނަލް ކޯޓުގެ އެއްވެސް ގާޒީއަކަށް ފަނޑިޔާރު އަޒްމިރަލްދާ އަމިއްލައަށް ވިަޔސް ނުވަތަ އެހެން މީހަކު މެދުވެރިކޮށް ވިޔަސް ގުޅުއްވާފައިނުވާ ކަން ވެސް ބަޔާންތަކުން ސާފުކޮށް އެނގެ އެވެ. އަދި ފަނޑިޔާރު އަޒްމިރަލްދާގެ މައްޗަށް އެފަދަ ތުހުމަތެއް ކުރެވޭ ފަދަ ވާހަކައެއް ވެސް އެއްވެސް ގާޒީއަކު ދައްކަވާފައިނުވެ އެވެ." ޝާމިލްގެ ބަޔާނުގައިވެ އެވެ.

އެހެންކަމުން ފަނޑިޔާރު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ތުހުމަތެއް ކުރުމުގެ އެއްވެސް އަސާސެއް ވެސް ނެތް ކަމާއި އޮތް ނަމަ، އޮތީ ދައުލަތުގެ ބައެއް އިދާރާތަކުގެ ވަހުމެއް ކަމަށް ވަކީލް ވިދާޅުވި އެވެ.

ފަނޑިޔާރު އަޒްމިރަލްދާ ގުޅުވައި އެއްގޮތަކަށް ވެސް ގާޒީއަކު ވިދާޅުނުވާ ވާހަކައެއް ވިދާޅުވި ކަމަށް ބުނެ މައްސަލައިގެ ތަހުގީގު ރިޕޯޓްގައި ޖޭއެސްސީން ހިމަނާފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ. ގާޒީން ދެއްވި ބަޔާންތައް ފެންނަން ހުއްޓާ، އެ ބަޔާންތަކާ ހިލާފަށް ހަގީގަތާ ހިލާފު ވާހަކަތަކެއް ކޮމިޓީ ރިޕޯޓްގައި ހިމަނާފައިވުމަކީ ޖޭއެސްސީގެ ގާނޫނުގެ އުސޫލާ ހިލާފު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ތަހުގީގު ކުރަމުންދާއިރު، މިހާތަނަށް މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ފަނޑިޔާރާ އެ ކޮމިޝަނުން ހިއްސާކޮށްފައިނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.