އިންޑިއާގެ މަޝްހޫރު ކްރިކެޓް ޓީމު، މުމްބާއީ އިންޑިއަންސްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ހަމަޖައްސައިފި އެވެ.

މިއީ އެމްއެމްޕީއާރުސީއިން އިންޑިއާ މާކެޓަށް އަމާޒުކޮށްގެން ހެދި މިފަދަ ފުރަތަމަ ޕާޓްނާޝިޕެވެ.

ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ބަލާ ކުޅިވަރުކަމަށްވާ ކްރިކެޓު ކަމަށްވާއިރު، މި ޕާޓްނާޝިޕްގެ ސަބަބުން އިންޑިއާގެ އިތުރުން މުޅި ދުނިޔޭގައި ވެސް ދިވެހިރާއްޖޭގެ ބްރޭންޑް ހަރުދަނާވެގެންދާނެ ކަމަށް އެމްއެމްޕީއާރުސީއިން ބުނެ އެވެ.

މުމްބާއީ އިންޑިއަންސް އަކީ އިންޑިއާގެ އެންމެ ކާމިޔާބު އަދި އެންމެ އަގުހުރި ފްރެންޗައިޒް ކްރިކެޓް ޓީމެކެވެ. އަދި މި ޓީމުން ވަނީ ފަސް އަހަރު ކްރިކެޓް ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

އެމްއެމްޕީއާރުސީއިން ބުނީ އިންޑިއާއަކީ ރާއްޖޭގެ ޓޮޕް ސޯސް މާކެޓް ތެރޭގައި ހިމެނޭ ގައުމަކަށް ވުމުން، މި ޕާޓްނަޝިޕްގެ ސަބަބުން އިންޑިއާގައި ރާއްޖޭގެ ބްރޭންޑް އިތުރަށް ޕްރޮމޯޓް ކުރެވޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މިއަހަރު 200،000 ޓޫރިސްޓުން އިންޑިއާއިން ރާއްޖެ ގެނައުމަށް ކަނޑައަޅައިފައިވާ އަމާޒަށް ވާސިލްވުމަށް ވެސް ފަސޭހަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްއެމްޕީއާރުސީއިން ބުނީ މި ޕާޓްނަޝިޕްގެ ތެރެއިން މުމްބާއީ އިންޑިއަންސްއާއެކު ޑިޖިޓަލް ޕްރޮމޯޝަންތަކާއި، އޮން ގްރައުންޑް އެކްޓިވޭޝަންތަކާއި، ދިވެހިރާއްޖެ އަކީ އެންމެ މަގުބޫލް ލަގްޒަރީ ޓްރެވަލް މަންޒިލުގެ ގޮތުގައި ފާހަގަކޮށްދޭ އެކްސްކްލޫސިވް ތަޖުރިބާތައް ހިމެނޭ ގޮތަށް ޝައުގުވެރި ކެމްޕޭންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.