ޅެން ބައިތެއްގެ މާނަ ރަނގަޅަށް ނޭނގި ނުވަތަ ބުނާ އެއްޗަކުން މާނައެއް ދޭހަނުވެއްޖެނަމަ ވަރަށް ފަސޭހައިން ބޭނުންކޮށް އުޅޭ ބަހެކެވެ. މާނަ އޮންނާނީ ޅެންވެރިޔާގެ ބަނޑުގަ އެވެ. ޅެން ބައިތެއް ނޫނަސް ދައްކާ ވާހަކައަކުން ވެސް މާނަ ދޭހަ ނުވެއްޖެ ނަމަ ފަހަކަށް އައިސް މިބަސް ބޭނުންކުރަމުން އާދެ އެވެ. ބަސް ބޭނުންކުރާ ގޮތަށް ބަލާއިރު ކޮންމެވެސް ވަރެއްގެ އޮޅުމެއް އޮންނަ ކަމަށް ފެނެ އެވެ.

މާނަ އޮންނާނީ ޅެން ވެރިޔާގެ ބަނޑުގައޭ ބުނާ ބަހުގެ މާނަ ނިސްބަތް ވަނީ ޅެމުގައި ފޮރުވިފައި އޮންނަ މާނައަށެވެ. ފަހަރެއްގައި ވެސް ޅެމުން ދޭހަވާ ލަފުޒީ މާނައަކަށް ނޫނެވެ. މި ހިސާބުން ޅެމުގައި ފޮރުވިފައި އޮންނަ މާނައާ ލަފުޒީ މާނައާ ބެހޭ ގޮތުން ސުވާލު އުފެދިދާނެ އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޅެންވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ޖަމީލު، "ޅެމާއި ޅެންވެރިކަން" މި މައުޟޫގައި ލިއުއްވި ފޮތުގައި ޅެމާއި ޅެން ވެރިކަމާ ބެހޭ ގޮތުން ވަރަށް ގިނަ މައުލޫމާތު ހިމަނުއްވާފައިވެ އެވެ.

ޅެމަކީ ކޮބައިކަން ބަޔާން ކުރައްވަމުން އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. "ޅެމަކީ ވަޒަނަކަށް ފެތޭ ގޮތަށް ޤާފިޔާ ހަމަކޮށް ކިޔާފައިވާ ބަސްތަކެކެވެ. ފުނަށް އަސަރު ފޯރާ ގޮތަކަށް، ސިފަކޮށް ދައްކާ، ރީތި ޚިޔާލުތަކެއް ފައުޅުކޮށް ބަޔާންކޮށްދޭ ބަސްތަކެކެވެ."

ޖަމީލު ވިދާޅުވެފައި ވަނީ އާންމުގޮތެއްގައި ހުރިހާ ބަހެއްގައި ވެސް ޅެމަކީ ކޮބައިކަން ހާމަކޮށް ދިނުމުގެ ގޮތުން އެކަމާ ބެހޭ އިލްމުވެރިން ދައްކަވާ ވާހަކަތަކުގެ ޚުލާސާއެކެވެ. ޖަމީލުގެ ފޮތުގައި ވެސް، އެނޫން އެތައް ވާހަކައެއް ޅެމުގެ ތައާރަފުގައި ދައްކަވާފައި ހުއްޓެވެ. އެ ވާހަކަކޮޅަށް ބަލާލާއިރު ޅެމަކީ އެއިން އިންސާނާގެ ހިތްތަކަށް ފުނަށް އަސަރުކުރުވާ ފަދަ މާނައެއް ދޭހަވާ އެއްޗަކަށް ވާންޖެހެ އެވެ.

ޅެންވެރިންގެ ދުވަސް ފަހާގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތެއްގައި މަޝްހޫރު ޅެންވެރިޔާ އިބްރާހިމް ޝިހާބު ހެއްދެވި ޅެންތަކެއް ދައްކާލަނީ.

މޮޅެތި ޅެންތަކުގެ އެންމެ ޚާއްސައެއް ސިފައަކީ ޅެމުގައި ހުންނަ ސިފަކުރުމުގެ ބަ އެވެ. އަސްލު ސިފަކުރަން ބޭނުން ވާއެއްޗެއް އެހެން އެއްޗަކާ އެއްފަދަ ކޮށްގެން ގެންނަ ސިފަކުރުންތަކަކީ ޅެމުގެ ޚާއްސަ ސިފައެކެވެ. މިފަދަ ޅެމުގައި އަސްލު ޅެންވެރިޔާ ސިފަކުރައްވާ އެއްޗެއް ކިއުންތެރިންނަށް ދޭހަވާ ގޮތް ތަފާތު ވެދާނެ އެވެ. އެގޮތަށް ތަފާތު ވާނީ ޅެމުގައި ފޮރުވިފައި އޮންނަ މާނަ އެވެ. ޅެމުން ދޭހަވާ ލަފުޒީ މާނަ ރީތިކޮށް ފެންނަން އޮންނާނެ އެވެ. ތިރީގައި މި ލިޔެލާ މިސާލުން އެވާހަކަ އިތުރަށް ތަފުސީލުކޮށްދޭނަމެވެ.

"ބޭހާއި ނުކުޅޭތި ބަޑި

ނޭނގި ހުއްޓާ އަނދައިދާނެ

ގޭ މަކޮޔާ ފިހިދާނެ"

މިއީ މަޝްހޫރު ރައިވަރެކެވެ. ރައިވަރުގައިވާ ލަފުޒީ މާނައަކީ މަގޭ ކޮއިފުޅާ އެވެ. ބަޑިބޭހާ ނުކުޅެއްޗެވެ. އެގޮތަށް ކުޅޭނަމަ ނޭނގި ހުއްޓާ އަނދައި ދާނެ އެވެ. ނުވަތަ ފިހިދާނެ އެވެ.

ދެން އޮތީ މި ޅެމުގެ ސިފަކުރުމާ އެއްގޮތްކުރުމުގެ ތެރެއިން ޅެންވެރިޔާ ގެންނަވަފައިވާ ފޮރުވިފައިވާ މާނަ އެވެ. އެ މާނަ އެކިގޮތް ގޮތަށް ކުރެވި ދާނެ އެވެ. ސިޔާސީ ގޮތުން މަތީފަޑީގައި ތިބޭ ބާރުގަދަ މީސްމީހުންނާ ނުބެހެން ދޭ އިންޒާރެއްގެ ގޮތުގައި އެއްބަޔަކު މިޅެން ސިފަ ކޮށްފާނެ އެވެ. ތިމާ ރައްޓެހިވެގެން އުޅޭ ކުއްޖަކަށް އެހެން ފިރހެނަކު މައްލަވަކުރާ ދަނޑިވަޅެއްގައި ވެސް އެފިރިހެން މީހާއަށް ދޭ އިންޒާރެއްގެ ގޮތުގައި ވެސް މިޅެމުގައި ފޮރުވިފައި އޮންނަ މާނަ ބޭނުންކުރެވިދާނެ އެވެ. މިއިން ކޮންމެ ހާލަތެއްގައި ވެސް އެ ކުރެވޭ މާނަ ރަނގަޅެވެ. އެހެންނަމަވެސް ޅެންވެރިޔާ ޅެން ހެދިއިރު އޭނާގެ ހިތުގައި އޮތް މާނައެއް ނޭނގޭނެ އެވެ. އެނގޭކަށް ނުވެސް ޖެހެ އެވެ. "މާނަ އޮނަނާނީ ޅެންވެރިޔާގެ ބަނޑުގައޭ" ބުނެވޭ ބަސް ނިސްބަތްވާ ހާލަތަކީ މި އެވެ.

ޅެމެއް ޅެންވެރިކަން ފުރިހަމަވާނީ އެ ޅެމެއްގައި އެކުލެވޭ މާނަ ފުރިހަމަވުމުންނެވެ. ފުރިހަމަ ޅެމެއް ނަމަ އެޅެމެއްގެ މާނަ ފުރިހަމަ ވާން ޖެހެ އެވެ. ޅެމުގެ ލަފުޒީ މާނަ ވަށާނުޖެހޭ ހާލަތެއްގައި މާނަ އޮންނާނީ ޅެންވެރިޔާގެ ބަނޑުގައޭ ބުނެ ނިންމައެއް ނުލެވޭނެ އެވެ.