ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4000 ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާއަށް ހުޅުވާލުމުން، މިހާތަނަށް 1500 އަށްވުރެ ގިނަ ޝަކުވާ ޕޯޓަލް މެދުވެރިކޮށް ލިބިފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން ވަނީ ފްލެޓް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފަ އެވެ. ފްލެޓް ލިބޭ މީހުންގެ ލިސްޓު ވެރިފައިކުރުމަށްފަހު އާންމުކޮށް، ލިސްޓާއި ގުޅޭގޮތުން ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހު އެވެ.

މިމަހުގެ ނިޔަލަށް ޝަކުވާގެ މުއްދަތު ކުރިން އޮތްނަމަވެސް، ހައުސިން މިނިސްޓްރީން މިހާރު ވަނީ ޝަކުވާ ހުށައެޅުމުގެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފަ އެވެ. އަދި ޝަކުވާ ހުށައަޅާއިރު އެމީހަކު މާލޭގައި ދިރިއުޅުނުކަން ސާބިތުކޮށްދިނުމަށް ބޭނުންވާ މަޢުލޫމާތު ހުރި ސަރުކާރުގެ އިދާރާތަކުގެ މަޢުލޫމާތުގެ ތަފްސީލު ޕޯޓަލް މެދުވެރިކޮށް މިހާރު ލިޔެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މުޅި ފްލެޓު ލިސްޓާއި ގުޅޭގޮތުން 2،843 ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި ފްލެޓު ލިބުނު މީހުންގެ ލިސްޓާއި ގުޅޭގޮތުން 1،575 ޝަކުވާ ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. މީގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓް ލިސްޓާއި ގުޅޭގޮތުން ހުށައަޅާފައިވާ 1،176 ޝަކުވާއާއި ދެ ކޮޓަރީގެ އެޕާޓްމަންޓާއި ގުޅޭގޮތުން ހުށައަޅާފައިވާ، 399 ޝަކުވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ފްލެޓްތައް. ފްލެޓް ލިސްޓަށް އެތައް ސަތޭކަ ބަަޔަކު އަންނަނީ ޝަކުވާ ހުށަހަޅަމުން. ފޮޓޯ: އެފްޑީސީ

ހައުސިން މިނިސްޓްރީން ބުނީ ފްލެޓު ލިބޭ މީހުންގެ ލިސްޓު ވެރިފައިކުރުމަށްފަހު ނެރުނު ލިސްޓުގައި ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށައަޅާ ޝަކުވާތައް ބަލާއިރު ސަރުކާރުގެ އިދާރާތަކުގައި ހުރި މަޢުލޫމާތުތަކުގެ ތެރެއިން އެ މިނިސްޓްރީއަށް ބެލެންހުރި މައުލޫމާތުތަކަށް ރިއާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާނަމަ އެ ފަރާތްތަކަށް ހައްލު ހޯދައިދެވޭނެ ކަމަށެވެ. އެހެންކަމުން ޝަކުވާ ހުށައަޅާއިރު އެފަރާތަކުން މާލޭގައި އުޅުނުކަމުގެ މައުލޫމާތުގެ ތަފްސީލު ދެވޭނެ ދައުލަތުގެ އިދާރާތައް އެނގޭނެހެން ޕޯޓަލްގައި ލިޔުމަށް ހައުސިން މިނިސްޓްރީން އިލްތިމާސްކުރެ އެވެ.