މި ރޯދަ މަހުގެ 20 ދުވަސް ނިމުނުއިރު ފިތުރު ޒަކާތުގެ ގޮތުގައި 7.6 މިލިޔަން ރުފިޔާ ދައްކާފައިވާ ކަމަށް ޒަކާތު ހައުސްއިން ބުނެފި އެވެ.
ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައި ވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ޒަކާތު ހައުސްއިން ވަނީ އެކި ގޮތްގޮތުން ފިޠުރު ޒަކާާތް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައިފަ އެވެ. އެގޮތުން، އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭއިރު ޒަކާތު ހައުސްގެ ކައުންޓަރަށް ޒިޔާރަތް ކޮށްގެން ވެސް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރަމަޟާން މަހުގެ 20 ދުވަހުގެ ތެރޭގައި އޮންލައިންކޮށް އަދި ޒަކާތު ހައުސްގެ ކައުންޓަރުތަކުން ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 7،632،214.03 ވަނީ ބަލައިގެންފަ އެވެ. މިއީ ފާއިތުވެދިޔަ ހަތަރު އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހަށް ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު އަދަދާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
ފާއިތުވި ހަތަރު އަހަރު ރަމަޟާންމަހުގެ ފުރަތަމަ 20 ގައި ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު:
- 2024 - 4.6 މިލިޔަން ރުފިޔާ
- 2023 - 4.6 މިލިޔަން ރުފިޔާ
- 2022 - 3.7 މިލިޔަން ރުފިޔާ
- 2021 - 3.1 މިލިޔަން ރުފިޔާ
ޒަކާތު ހައުސްއިން ބުނީ ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނާނެ ކަމަށެވެ. އެގޮތުން މިފަހަރު ވެސް އޮންލައިންކޮށް 5 ޕްލެޓްފޯމަކުން ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސް އިން ބުނެ އެވެ.
އޮންލައިންކޮށް ޒަކާތް ދެއްކޭނެ ގޮތްތައް:
- ދިރާގު އެޕް/ ދިރާގު ޕޭ (ވެބްސައިޓް)
- އުރީދޫ، އެމް ފައިސާ (އެޕްލިކޭޝަން)
- މޯލްޑިވްސް އިސްލާމިކް ބޭންކު (އެޕްލިކޭޝަން)
- ބޭންކް އޮފް މޯލްޑިވްސް މޯބައިލް އެޕްލިކޭޝަން
- ފަހިޕޭ (އެޕްލިކޭޝަން)
- ބަނޑޭރި ޕޭ
ބަނޑޭރި ޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސްއިން ބުނެ އެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ. އަދި ރަށްރަށުގައި ނަގުދު ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް އެރަށެއްގެ ރަށު އަދި ސިޓީ ކައުންސިލުން ހަމަޖައްސާފައިވެ އެވެ.
މީގެ އިތުރުން މިމަހުގެ 22 އިން ފެށިގެން 27 ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުން އިސްކަންދަރު ސްކޫލުގައި ކުރިއަށްދާނެ އެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު:
- އާދައިގެ ހަނޑޫ: 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ: 62 ރުފިޔާ
- ރަތް ހަނޑޫ: 86 ރުފިޔާ
- ބާސްމަތީ ހަނޑޫ (އާދައިގެ): 74 ރުފިޔާ
- ބާސްމަތީ ހަނޑޫ (މޮޅު) : 100 ރުފިޔާ
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 133 ރުފިޔާ
- އާދައިގެ ފުށް: 10 ރުފިޔާ
- އާޓާ ފުށް: 75 ރުފިޔާ
ފިތުރު ޒަކާތް ދެއްކުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެ އެވެ. ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެ ގައުމެއްގައި އާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ސާއެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެ އެވެ.