މަސްޖިދުލް ހަރަމްގައި ދެވޭ ސިއްހީ ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ގާއިމުކުރި އެއާ އެމްބިއުލާންސްގެ ޓެސްޓް ފްލައިޓް ހަރަމްފުޅަށް ޖައްސައިފި އެވެ.
ހަރަމްފުޅު ބޮޑުކުރުމުގެ ތިންވަނަ ޕްރޮޖެކްޓްގެ ތެރެއިން މިސްކިތުގެ ގޯތި ތެރޭގައި ގާއިމުކޮށްފައިވާ ދެ ހެލިޕެޑްގެ ތެރެއިން އެއް ހެލިޕެޑަށް އެއާ އެމްބިއުލާންސްގެ ހެލިކޮޕްޓަރު ކާމިޔާބު ކަމާއެކު ވަނީ ޖައްސާފަ އެވެ.
އެ އެމްބިއުލާންސްގައި ސިއްހީ އަވަސް ފަރުވާގެ ހުރިހާ ހިދުމަތެއް ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި ސްޓްރެޗަރާއި ވައިޓަލްސް މޮނީޓާ ވެސް ހިމެނެ އެވެ.
ޓެސްޓް ފްލައިޓްގެ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ދެ ހަރަމްފުޅާ ބެހޭ އިދާރާއާއި ސައޫދީ އަރަބިއާގެ ޝާހީ އާއިލާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ވަނީ އާއްމުކޮށްފަ އެވެ.
މި ހިދުމަތަކީ ހައްޖުވެރިންނާއި އުމްރާވެރިން ސިއްހީ ކުއްލި ހާލަތްތަކުގައި ކައިރި ހޮސްޕިޓަލުތަކަށް ގެންދިއުމުގެ ބޭނުމުގައި ތައާރަފްކުރި ހިދުމަތެކެވެ.
މިހާރު ވެސް މަސްޖިދުލް ހަރަމްގައި ހޮސްޕިޓަލެއްގެ ހިދުމަތް ދެވޭއިރު އެ ހޮސްޕިޓަލުގައި އައިސީޔޫއާއި ލެބޯޓްރީ ހިދުމަތް ފަދަ ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުންވާނެ ހުރިހާ ހިދުމަތެއް ލިބެން ހުރެ އެވެ.