އެއީ ފަރަންސޭސި ވިލާތުގެ ލަވާލްގެ ދަތުރު ވެރިޔާ ފްރާންސްވާ ޕިރާޑް ރާއްޖޭގައި އުޅުނު ދުވަސްވަރެވެ. ޕިރާޑަށް ރާއްޖެ އާދެވުނީ އޭނާ ދަތުރު ކުރި ނާ، ކޯބިން ބ. އަތޮޅުގެ ފަރަކަށް އަރައި ހަލާކުވުމާ ގުޅިގެންނެވެ. ދިވެހި ރަސްގެފާނުގެ މެހްމާނެއްގެ ގޮތުގައި އޭނާ ރާއްޖޭގައި ފަސް ވަރަކަށް އަހަރު ހޭދަކުރި އެވެ. އެ އުޅުނު އިރު ފެނުނު ކަންތައް ހިމަނައިގެން އޭނާ ވަނީ ރާއްޖެއާ ބެހޭ ފޮތެއް ލިޔެފަ އެވެ.
ޕިރާޑް ރާއްޖޭގައި އުޅުނު ދުވަސްވަރަކީ ރާއްޖޭގައި 17 ވަރަކަށް އަހަރު ވެރިކަން ކުރަމުން ގެންދިޔަ ޕޯޗްގީޒުންގެ ވެރިކަން ނިމުމަކަށް ގެންނެވި އުތީމު ބޮޑުތަކުރުފާނުގެ ދަރިކަލުން ކަލާފާނު ރަސްކަމުގައި ރެދަލި ކުރެއްވި ދުވަސްވަރެވެ. އޭރުގެ ދިވެހިންގެ އުޅުންހުރި ގޮތާއި އާދަކާދަޔާއި ގަބޫލުކުރުންތަކާ ބެހޭ ގޮތުން ޕިރާޑް ލިޔެފައިވާ ތަފުސީލު ފޮތަކީ، އެ ފޮތް ނެތް ނަމަ ރާއްޖޭގެ އެ ދުވަސްވަރުގެ ދިރިއުޅުން ހިތަށް ސިފަކުރަން މިޒަމާނުގެ ބަޔަކަށް އެފޮތާ ނުލައި ނޭނގޭ ފަދަ މުހިންމު ފޮތެކެވެ.
ދިވެހިންނާއި ދިވެހި ރާއްޖެއާ ބެހޭ ގޮތުން ޕިރާޑު ލިއުއްވި ލިއުންތަކުގެ ތެރޭގައި ރޯދަ މަހަށް ޚާއްސަ ބައެއް ވެސް ހިމެނެ އެވެ. އެ ބައިގައި ދިވެހިން ރޯދަ މަހަށް ތައްޔާރުވާ ގޮތާއި ހަނދު ބެލުމުން ފެށިގެން ރޯދަ މަހުގެ ކެއްކުމާއި އެކަމާ ބެހޭ ގިނަ ވާހަކަތަކެއް ވަރަށް ތަފުސީލުކޮށް ލިޔެފައި ހުއްޓެވެ.
ރޯދަ މަހާ ބެހޭ ވާހަކަ ނިންމާލުމަށްފަހު ޕިރާޑު ލިޔެފައި އޮތީ ފިތުރު ޒަކާތުގެ ވާހަކަ އެވެ. އެ ޒަމާނުގައި ޒަކާތް ނަގާ ގޮތާއި އެ ޒަކާތް ބަހާ ގޮތާއި ލިބޭ މީހުންގެ ވާހަކަ އެވެ.
ފިތުރު ޒަކާތް ނެގުން
ރޯދަ މަސް ނިމުމުގެ ތިން ދުވަސް ކުރިން މާލޭގެ އެކި މަގުމަގުގައި ތާޅަފިއްޔާއެކު ފިތުރު ޒަކާތް ދެއްކުމަށް ހަނަދާން ކޮށްދީ ގޮވާލާ ގޮވާލުމެއް އޮންނާނެ އެވެ. ހަމަ އެފަދައިން ފަނޑިޔާރުގެއިން ވެސް ރަށުގެ އެންމެންގެ ނަން ލިޔެ ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ.
"ފިރިހެނަކަސް އަންހެނަކަސް ބޮޑު މީހަކަސް ކުޑަ ކުއްޖަކަސް ބަނޑުން ބޭރު ވެއްޖެއްޔާ އެމީހެއްގެ ނަން ލިޔެ ރަޖިސްޓްރީ ކުރަން ފަނޑިޔާރުގެއަށް ފޮނުވަން ވާނެއެވެ." ޕިރާޑު ލިޔެފައިވެ އެވެ.
ފިތުރު ޒަކާތުގެ ގޮތުގައި އޭރު ދައްކަން ޖެހެނީ ބޮލަކަށް ބައި ލާރި އެވެ.
ޕިރާޑު ލިޔެފައިވާ ގޮތުގައި އެޒަމާނުގައި އޮންނަ ގޮތުން ފިތުރު ދެއްކުމަކީ ކޮންމެ މީހަކު ވެސް ކުރަން ޖެހޭކަމެކެވެ. އެކަމަށް ބޭނުންވާ މިންވަރަށް ފައިސާ ނުވަތަ ކާބޯތަކެތި ނެތް މީހެއް ނަމަ އެވާހަކަ ފޯރާ މީހެއްގެ ގާތު ބުނުމުން އެއްވެސް މައްސަލައެއް ނުޖައްސާ އެމިންވަރަށް އެމީހަކަށް ދޭނެ އެވެ. ޚުދު ރަސްގެފާނު ވެސް އެފަދަ މީހުންނަށް ފިތުރު ޒަކާތް ދިނުމަށް ބޭނުންވާ މިންވަރަށް އެހީތެރިކަން ފޯރުކޮށްދެ އެވެ.
ޒަކާތް ބަލައިގަންނަނީ ފަނޑިޔާރުގެއިން ހަމަޖައްސާފައި ތިބޭ ހަތަރު މީހެކެވެ.
ޒަކާތް ބެހުން
ޕިރާޑު ލިޔެފައިވާ ގޮތުގައި ފިތުރު ޒަކާތުގައި ލިބޭ ފައިސާ މުދަލަކީ ނިސްބަތުން ވަރަށް ގިނަ އަދަދެކެވެ. ފައިސާ ބަހާނީ އީދު ނަމާދަށް ފަހު އެވެ. އެންމެ ފުރަތަމަ ލިބެނީ ފަނޑިޔާރު މީހާއަށެވެ. އޭގެ ފަހުން ނައިބުންނާއި މުދިމުންނާއި ކަތީބުންނާއި ދޭވާނީންނަށެވެ. އޭގެ ފަހުން އަލަށް ދީނަށް ވަންނަ މީހުންނަށެވެ. އެބައިތައް ބެހުމަށް ފަހު ދެން އޮންނަ ބައި ލިބޭނީ ފަގީރުންނަށެވެ.
ފަގީރުންގެ ގޮތުގައި ލިބޭނީ އެކަމަށްޓަކައި ނަން ލިޔެ ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށެވެ. އެ ލިސްޓުތަކަށް ބެހުމަށް ފަހު ބާކީ ހުންނަ ބައި ލިބޭނީ ދަންނަ ބޭކަލުންނަށެވެ. ޕިރާޑު ލިޔެފައިވާ ގޮތުން އެބައި ދާނީ މިސްކިތްތަކަށެވެ. ފިތުރު ޒަކާތަށް ލިބޭ އެއްޗަކުން އެއްޗެއް މަދު ނުވޭތޯ ވަރަށް ފަރުވާތެރިކަމާ އެކު ބަލަހައްޓަ އެވެ.
ޒަމާނުއްސުރެ ދިވެހީންގެ މެދުގައި ފިތުރު ޒަކާތަކީ ޚާއްސަ ސަމާލުކަމެއް ދޭ އެއްޗެއްކަން ޕިރާޑުގެ ވާހަކައިން ވެސް އެނގެ އެވެ.