މިޔަންމާއަށް އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއްގެ އަސަރު އަވަށްޓެރި ތައިލެންޑަށްކޮށް، އެގައުމުގެ ހަދަމުންދާ އިމާރާތެއް ވެއްޓި ބިމާ ހަމަވެއްޖެ އެވެ.
ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސް) އިން ބުނާ ގޮތުގައި، މިޔަންމާއަށް 7.7 އަދި 6.4 ގެ ބިންހެލުމެއް މިއަދު އައިސްފައިވެ އެވެ. މި ބިންހެލުމުގެ ސަބަބުން ތައިލެންޑަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ އިރު، އެ ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ބިންހެލުން އިހުސާސް ކުރެވިފައިވެ އެވެ.
ބިންހެލުމާ ގުޅިގެން ބެންކޮކްގެ ޗަތުޗަކް ސަރަހައްދުގައި ނުނިމި ހުރި 30 ބުރީގެ އިމާރާތެއް ވެއްޓި، އިމާރާތުގެ ދަށުގައި 43 ކޮންސްޓްރަކްޝަން މަސައްކަތްތެރިން ތާށިވި ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ބާރުގަދަ ބިންހެލުމުގެ އަސަރު ބެންކޮކްގެ އިމާރާތްތަކުގައި ތިބި މީހުނަށް ކުރިއިރު، ބެންކޮކްގައި ބައެއް މެޓްރޯ އަދި ރޭލު ޚިދުމަތްތައް ވަނީ ހުއްޓާލާފަ އެވެ. މި ކާރިސާއާ ގުޅިގެން ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަތުރާ ވަނީ އެ ސިޓީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވައިފަ އެވެ.
ޔޫއެސްޖީއެސް އިން ބުނާ ގޮތުގައި، ފުރަތަމަ ބިންހެލުން އައީ މިއަދު ގާތްގަނޑަކަށް 12:50 ގައި މިޔަންމާގެ ސަގައިން ސިޓީގެ އުތުރު-ހުޅަނގުން 16 ކިލޯމީޓަރު ދުރުގައި، 10 ކިލޯމީޓަރު އަޑިއަށެވެ.
އޭއެފްޕީ ނިއުސް އެޖެންސީން މިޔަންމާގެ ވެރިރަށް ނައިޕިޑޯއިން ރިޕޯޓުކުރި ގޮތުގައި، ބިންހެލުމުގެ ބާރުގަދަކަމުން މަގުތައް ވަނީ ހަލާކުވެފަ އެވެ. އަދި ބައެއް އިމާރާތްތަށް ވެއްޓިފައިވެ އެވެ.
މިޔަންމާއަށް 1930 ވަނަ އަހަރުން ފެށިގެން 1956 ވަނަ އަހަރާ ދެމެދު 7.0 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރުމިނުގައި ބާރުގަދަ ހަ ބިންހެލުމެއް އައިސްފައިވާ ކަމަށް ޔޫއެސްޖީއެސް އިން ބުނެ އެވެ. އެއީ މިއަންމާގެ މެދުތެރެއިން އުތުރާއި ދެކުނަށް އޮން ސާގިން ފޯލްޓް ކައިރިއަށް އަންނަ ބިންހެލުންތަކެވެ.