ފަގީރުންގެ ދަފްތަރުގައި ހިމެނޭ އެންމެންނަށް އެއް ހަމައަކުން މި އަހަރު ފިތުރު ޒަކާތް ބަހަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ސޯޝަލް މީޑިއާގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަގީރުންގެ ލިސްޓުގައި ތިބި މީހުންނަށް އެއްވަރަކަށް ޒަކާތް ބަހަން ނިންމީ އިޖުތިމާއީ އަދާލަތު ގާއިމްކުރުމަށް ކަމަށެވެ.
މީގެ ކުރިން، ޒަކާތް ބެހީ އެ ރަށަކުން ލިބޭ އެއްޗެއް، އެ ތަނެއްގެ ފަގީރުންގެ ލިސްޓުގައި ތިބި މީހުންނަށެވެ. ޒަކާތް ބެހުމުގެ ނިޒާމަށް އަލަށް ގެނައި ބަދަލުން، މި އަހަރު ކޮންމެ މީހަކަށް ވެސް ލިބޭނީ 4،500ރ. އެވެ.
މިއީ ފިތުރު ޒަކާތް ބަހާ އުސޫލަށް ފަހުގެ ތާރީހެއްގައި ގެނައި އެންމެ ބޮޑު ބަދަލެކެވެ. މީގެ ކުރިން ރާއްޖޭގެ ބައެއް ރަށްރަށުގައި ފަޤީރުންގެ ލިސްޓުގައި ބަޔަކު ހިމެނިފައި ނުވާތީ އެފަދަ ރަށްރަށުން ފިތުރު ޒަކާތް އެހެން ރަށްރަށުގެ ފަގީރުންނަށް ވެސް ދީފައިވެ އެވެ. އަދި ބައެއް ރަށްތަކުގެ އާބާދީއާއި ފަގީރުން ތިބޭ ނިސްބަތުން މާލެ ފަދަ ރަށްތަކާ އަޅާ ބަލާއިރު ވަރަށް މަދު މިންވަރެއް ވެސް އެފަދަ ރަށްރަށުގެ ފަގީރުންނަށް ބަހާފައިވެ އެވެ.
ފަގީރުންގެ ދަފްތަރުގައި މިވަގުތު ހިމެނޭ މީހުންގެ ދަފްތަރު ޒަކާތު ހައުސްއިން އެންމެފަހުން ރިވިއުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް އެ އަދަދެއް ހާމައެއް ނުކުރެ އެވެ.
އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ބުނީ އެ ލިސްޓުގައި 5،023 މީހުން އެބަތިބި ކަމަށެވެ.
ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު، މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 12.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.