ރާއްޖެއިން މިއަހަރު ހައްޖަށްދާ ފުރަތަމަ ގްރޫޕު ސައުދީ އަރަބިއްޔާއަށް ފުރާނީ އަންނަ މޭ މަހުގެ 26 ވަނަ ދުވަހު ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

އެ ކުންފުނިން ބުނިގޮތުގައި މިއަހަރު ރާއްޖެއިން މިހުން ހައްޖަށް ގެންދިއުމުގެ އިދާރީ ގިނަ މަސައްކަތްތައް މިހާރު ވަނީ ނިންމާފަ އެވެ.

ސައުދީގައި ހުންނަވައި ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ ވައިގެ ދަތުރުތަކާއި އެއްގަމު މަގުން ކުރަންޖެހޭ ދަތުރުތަކުގެ އިންތިޒާމްތައް ވެސް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ރާއްޖެއިން މީހުން ސައުދީއަށް ގެނައުމާއި ގެންދިއުމުގެ މަސައްކަތްތައް ކުރިއަށްގެންދާނީ ގައުމީ އެއާލައިން މޯލްޑިވިއަން އަދި ސައުދީގެ ސައުދިއާ އެއާލައިން މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކުންފުނިން ބުނިގޮތުގައި މިއިން ކޮންމެ އެއާލައިނަކުން 500 މީހުން ދަތުރުކުރާނެ އެވެ.

"ސަޢުދީއަށް ދިވެހިން އައުމަށް ހަމަޖެހިފައި ވަނީ މޭމަހުގެ ފަހުކޮޅު. ހަތަރު ފްލައިޓް ދަތުރަކަށް ބަހާލައިގެން އެއްހާސް މީހުން ދަތުރުކުރާނީ،" ޝަކީލް ވިދާޅުވި އެވެ.

ދިވެހި ހައްޖުވެރިން ދަތުރުކުރާނީ 26، 27، 29 އަދި 30 ވަނަ ދުވަހު ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.

ޝަކީލް ވިދާޅުވީ އިދާރީގޮތުން ހަމަޖައްސަންޖެހޭ މަސައްކަތްތަކުގެ 90 ޕަސެންޓް މުޅިން ނިމިފައިވާ ކަމަށެވެ.

ޙައްޖު ކޯޕަރޭޝަނުން މީގެ ބުނިގޮތުގައި މިހާރު އެ ކުންފުނި މެދުވެރިކޮށް ހައްޖުގެ އަޅުކަން އަދާކުރުމަށް ކިޔޫގައި 9،115 މީހުން އެބަތިއްބެވެ. މީގެ ތެރޭގައި 65 އަހަރުން ދަށުގެ 7،543 މީހުންނާއި 65 އަހަރާއި 75 އަހަރާ ދެމެދުގެ 1،461 މީހުން އަދި 75 އަހަރުން މަތީގެ 111 މީހުން އެބަތިއްބެވެ.

މިހާރު ކިޔޫގައި ތިބި މީހުންގެ ތެރޭގައި އަލަށް ހައްޖަށް ދިއުމަށް އެދިފައިވަނީ 8،623 މީހުންނެވެ. އެއީ 65 އަހަރުން ދަށުގެ 7،150 މީހުންނާއި 65 އަހަރާއި 75 އަހަރާ ދެމެދުގެ 1،370 މީހުން އަދި 75 އަހަރުން މަތީގެ 103 މީހުންނެވެ.