ރާއްޖެއަށް 250 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް އެތެރެކުރުމާއި އުފެއްދުމުގެ އިތުރުން ބާޒާރަށް ނެރުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.
މިކަން މަނާކޮށްފައިވަނީ، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމާ ގުޅޭ ގޮތުން ރައީސް މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރަށް ގެންނެވި އިސްލާހެއްގެ ދަށުންނެވެ.
އެންވަޔަރަމެންޓް މިނިސްޓްރީގެ މަޝްވަރާގެ މަތީން ގެންނެވި މި ބަދަލާއެކު، ލިސްޓުގެ 14 ވަނަ ނަންބަރުގައި ކުރިން ބަޔާންކޮށްފައި އޮތް ޕްލާސްޓިކް ފުޅީގެ ސައިޒު ވަނީ 500 މިލިލީޓަރުން 250 މިލިލީޓަރަށް ބަދަލުކޮށްފަ އެވެ. އެހެންކަމުން، ފެން ފިޔަވައި އެހެނިހެން ތައްޔާރީ ބުއިންތައް 250 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްގެން ވިއްކުމާއި އެތެރެކުރުން މިހާރު ވަނީ މަނާވެފަ އެވެ.
މި އިސްލާހުތައް ހިމަނައިގެން އެކުލަވާލި ގަރާރު ނަންބަރު 15/2026 މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. މިއީ ކުރިން އަމަލުކުރަމުން އައި ގަރާރު ނަންބަރު 35/2025 އަށް ގެނެވުނު އިސްލާހެކެވެ.
މި ގަރާރަށް ގެނައި އިސްލާހުގެ ދަށުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ހޮޅި މަނާކުރުމަށް ކަނޑައަޅާފައިވާ ތާރީހުތަކަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކުރާ ތާރީހު ވަނީ 1 ޖޫން 2031 އަށް ފަސްކޮށްފަ އެވެ. އަދި މި ތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރާ ތާރީހު ވެސް ވަނީ 19 ޑިސެންބަރު 2031 އަށް ފަސްކޮށްފަ އެވެ.
މީގެ އިތުރުން، ލިސްޓުގެ 13 ވަނަ ނަންބަރުގައި ހިމެނޭ ޕްލާސްޓިކް ފެންފުޅި މަނާކުރުމުގެ މުއްދަތުތަކަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި އަދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކުރާ ތާރީހު ވަނީ 1 ޑިސެންބަރު 2029 އަށް ފަސްކޮށްފަ އެވެ. އަދި މި ސައިޒުގެ ފެންފުޅި ބާޒާރަށް ނެރުން މަނާކުރާ ތާރީހަކީ 1 ޖޫން 2030 ކަމުގައި ވަނީ ކަނޑައަޅައިފަ އެވެ.
އެޑް ޝީރަންގެ ޓުއާއިން މެކްލަމޯއަށް ލިބުނު އާމްދަނީ ފަލަސްތީނަށް!
ސައުދީގެ ވެރިރަށް ރިޔާދަށް ނުރައްކަލުގެ އިންޒާރު ނެރެފި
ރިއަލިޓީ ޝޯ "ދަ ކާޑޭޝިއަންސް" ސީޒަން 8ގެ ޓްރެއިލާ އާއްމު ކޮށްފި
