ސައުދީއަށް ހަނދު ފެނުމާއެކު ރާއްޖެއަށް ވެސް މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް ނިންމައިފި އެވެ.
މާދަމާއަކީ މިއަަހަރުގެ ފިތުރު އީދު ދުވަސްކަމުގައި ކަނޑަައަޅުއްވައި، އިއުލާންކުުރެއްވީ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށްފަހު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީގެ ފަރާތުން އިއްވެވި ހަނދާ ބެހޭ ބަޔާނުގަ އެވެ.
އިސްލާމިކް މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށަކަށް ހަނދު ނުފެނުނު ނަމަވެސް އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ސާބިތުވެފައިވާކަމުގެ ޚަބަރު ރަސްމީކޮށް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން މާޗު 30 ވާ އާދީއްތަ ދުވަހަކީ ހިޖުރީ ސަނަތުން 1446 ވަނަ އަހަރުގެ ޝައްވާލު މަހުގެ އެއްވަނަ ދުވަސް ކަމަށާއި އަދި އެދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަސްކަމުގައި ކަނޑައަޅުއްވާފައިވާކަމަށް ހަނދާބެހޭ ބެހޭގޮތުން އިއްވެވި ބަޔާނުގައި ވިދާޅުވި އެވެ.
ރާއްޖޭގެ އިތުރުން ސަޢުދީ ޢަރަބިއްޔާއާއި އިސްލާމީ ވަރަށް ގިނަ ގައުމުތަކުން ވަނީ މާދަމާއަކީ މިއަހަރުގެ ފިތުރު އީދު ދުވަސްކަމަށް ކަނޑައަޅާފަ އެވެ.
ރަމަޟާން މަހެކޭ އެއްފަދައިން ޝައްވާލު މަހުގެ ހަނދުބެލުމަކީ ވެސް އިސްލާމީ ގައުމުތަކުގައި ކޮންމެ އަހަރަކު ވެސް ކުރަންޖެހޭ މުހިންމު ކަމެކެވެ. ކޮންމެ ހަނދު މަހެއްގެ ވެސް ދިގުމިނަކީ ކުރުވެގެން 29 ދުވަސް އަދި ދިގުވެގެން 30 ދުވަހެވެ.
މިޒަމާނުގައި ރާއްޖޭގައިވެސް އަދި އިސްލާމީ ބޮޑެތި އެހެން ގައުމުތަކުގައި ވެސް ހަނދުބެލުމުގައި ބުރަވަނީ އިތުބާރުހުރި ފަލަކީ ހިސާބަށެވެ. މިހެން ހަދަނީ ޢަމަލީގޮތުން ހަނދުބަލާއިރު، އުދަރެހުގައި ވިލާގިނަނަމަ ހަނދު ހުއްޓަސް ހަނދު ފެނުމުގެ ފުރުސަތު ކުޑަވާތީ އެވެ. ނަމާދު ވަގުތު ބެލުމާއި މިނޫން ވެސް ވަރަށް ގިނަ ކަންކަމުގައި އިސްލާމީ ގައުމުތަކުގައި ފަލަކީ ހިސާބަށް ބަރޯސާވެ އެވެ.