އިންޑިއާގެ ނިއުސް ނައިން އިން އިންތިޒާމުކޮށްގެން ބާއްވާ ގްލޯބަލް ސަމިޓް 2025 ގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފި އެވެ.

މި ސަމިޓްގެ ދެ ހަރަކާތެއްގައި ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އެ ސަމިޓްގައި ޝާހިދު ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ މަސްރަހުގައި ހިނގަމުން އަންނަ އެކިއެކި ކަންކަމަށް ކުރިމަތިލުމުގައި ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުންނާއި، ދުނިޔޭގެ މަސްރަހުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ދައުރާ ބެހޭ ގޮތުން ވާހަކަ ދެއްކެވި އެވެ. އަދި މީގެ އިތުރުން އިންޑިއާއިން މިހާރު ދުނިޔޭގައި އަދާކުރަމުންދާ ދައުރާއި، އެދައުރުގެ މުހިއްމުކަމާ މެދު ޝާހިދު ވާހަކަދެއްކެވި އެވެ.

މީގެ އިތުރުން ދުނިޔޭގެ ދެކުނު ބިތުގެ، ނުވަތަ ގްލޯބަލް ސައުތުގެ ބައިވެރިވުން އދ. ފަދަ ޕްލެޓްފޯމްތަކުގައި އޮންނަ ގޮތާ ބެހޭ ގޮތުންނާއި، ކުރިއަރަމުން އަންނަ ގައުމުތަކަށާއި، ގްލޯބަލް ސައުތަށް ލިބެން ޖެހޭ އިތުރު ބައިވެރިވުމުގެ މައްޗަށް ޝާހިދު އަލިއަޅުއްވާލެއްވި އެވެ.

ގްލޯބަލް ސަމިޓްގެ ތެރެއިން ޝާހިދު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ބައްދަލުކުރައްވާފަ އެވެ. ނިއުސް ނައިން ގްލޯބަލް ސަމިޓްގައި އިންޑިއާގެ ބޮޑުވަޒީރުގެ އިތުރުން އެގައުމުގެ ސަރުކާރާއި، އެކިއެކި ސިނާޢަތްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.