ދުނިޔޭގެ އެންމެ އުސް ފަރުބަދައަކީ 'މައުންޓް އެވަރެސްޓް' ކަމަށް ގިނަ ބަޔަކު ދެކޭ ނަމަވެސް، މިއީ ފުރިހަމަ ހަގީގަތް ނޫންކަން ދިރާސާތަކުން ދައްކައިފި އެވެ.

ފަރުބަދައިގެ އުސްމިން ވަޒަންކުރާ ގޮތުގެ މައްޗަށް ބަލާއިރު، އެވަރެސްޓަކީ ދުނިޔޭގެ އެންމެ އުސް ފަރުބަދަ ނޫންކަން ފާހަގަކުރެވެ އެވެ.

މޫދުގެ ލެވެލްއިން މަތީގައި ހުންނަ އުސްމިނަށް ބަލާއިރު އެވަރެސްޓަކީ އެންމެ އުސް ފަރުބަދައެވެ. ނަމަވެސް ފަރުބަދައިގެ އަޑިން ފެށިގެން ކޮޅަށް ބަލާއިރު، ހަވާއީގައި އޮންނަ 'މައުނާ ކޭއާ' ކިޔާ ނިވިފައިވާ ވޮލްކޭނޯއަކީ ދުނިޔޭގެ އެންމެ އުސް ފަރުބަދަ އެވެ.

މައުނާ ކޭއާގެ ޖުމްލަ އުސްމިނަކީ 10,205 މީޓަރެވެ. މީގެ ތެރެއިން 6,000 މީޓަރު ހުންނަނީ ކަނޑުއަޑީގަ އެވެ. އެހެންކަމުން މައުނާ ކޭއާގެ އުސްމިން އެވަރެސްޓަށްވުރެ 1.4 ކިލޯމީޓަރު އިތުރެވެ.

މީގެ އިތުރުން، އިކުއެޑޯގައި ހުންނަ ޗިމްބޮރާޒޯ ފަރުބަދައަކީވެސް އެންމެ އުސް ފަރުބަދަ ކަމަށް ބެލެވިދާނެ އެވެ. އެއީ ބިމުގެ ބޮޅުމިނުގެ ސަބަބުން އިކުއޭޓަރާ އެންމެ ކައިރީގައި ހުންނަ ފަރުބަދަ ކަމަށްވާތީ، އިރާ އެންމެ ކައިރި ޕޮއިންޓް ކަމަށް ބެލެވޭތީ އެވެ.

މި ހޯދުންތަކުން ދައްކައިދެނީ، ފަރުބަދަތަކުގެ އުސްމިން ވަޒަންކުރުމުގައި ތަފާތު ގޮތްތައް ބޭނުންކުރެވިދާނެ ކަމާއި، އަދި އެންމެ އުސް ފަރުބަދައަކީ ކޮބައިކަން ކަނޑައެޅުމުގައި އެކި ނަޒަރިއްޔާތުން ވިސްނަންޖެހޭ ކަމެވެ.