ބިދޭސީންނާ ގުޅޭ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ފީތަކުގެ ތެރެއިން ބޮޑު އަދަދެއް ދައުލަތުން ހޯދައިފި އެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް ވިދާޅުވީ، ބިދޭސީންގެ ފީތަކުން މިހާތަނަށް ނުދައްކާ އޮތް 1.6 ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު މަޖީދު ވިދާޅުވީ މި ސަރުކާރުން ބިދޭސީންނާ ގުޅޭ ކަންކަން އިސްލާހުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މި ސަރުކާރު ހަވާލުވި އިރު، ބިދޭސީންނާ ގުޅޭ އެކި ފީތަކަށް ދައުލަތަށް 1.7 ބިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އޭރު ގަވާއިދުން ފީ ދައްކަމުން ދިޔައީ އެންމެ 22.7 ޕަސެންޓް މީހުން ކަމަށް ވެސް މަޖީދު ފާހަގަކުރެއްވި އެވެ.

ސްޓޭޓް މިނިސްޓަރު މަޖީދު އިތުރަށް ވިދާޅުވި ގޮތުގައި، ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ހުރި ފަރާތްތަކަށް އެއް އަހަރުގެ މުއްދަތެއް ދީފައިވެ އެވެ. އަދި ފީ ނުދައްކާ ފަރާތްތަކަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ދަނީ ފިޔަވަޅު އަޅަމުންނެވެ.

އޭނާ ފާހަގަކުރި ގޮތުން މި ފިޔަވަޅުތަކުގެ ސަބަބުން މިހާރު 55 ޕަސެންޓް މީހުން ފީ ދައްކަމުންދެ އެވެ.

މިހާތަނަށް 1.6 ބިލިއަން ރުފިޔާ ދައްކާފައިވާއިރު، އަދިވެސް 900 މިލިއަނެއްހާ ރުފިޔާ ނުލިބި އޮތް ކަމަށް ސްޓޭޓް މިނިސްޓަރު ހާމަކުރެއްވި އެވެ. މި ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތު މި އަހަރުގެ އޮކްޓޫބަރު މަހުގައި ހަމަވާނެ ކަމަށާއި، އެ މުއްދަތުގައި ފީތައް ނުދައްކައިފިނަމަ އެ ފަރާތްތަކުގެ އެކްސްޕެޓް ޕޯޓަލްގެ އެކައުންޓު ސަސްޕެންޑް ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.