ބޭރު ގައުމެއްގެ ލައިސެންސް އޮންނަ ބިދޭސީންނަށް ރާއްޖޭގައި ވެހިކަލް ދުއްވުމަށް ހުއްދަދޭއިރު، ޑްރައިވިން ޓެސްޓެއް ހަދަންޖެހޭ ގޮތަށް ބަދަލު ގެނެސްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ނޫސްވެރިންނާ ވާހަކަދައްކަވަމުން އިއްޔެ ވިދާޅުވީ ގަވާއިދެއްގެ ދަށުން ބިދޭސީންގެ އަތުގައި އޮންނަ ބޭރު ގައުމެއްގެ ލައިސަންސަށް ހުއްދަ ދެމުންދިޔައީ ލުއި އުސޫލެއްގެ ދަށުން ކަމަށެވެ. އަދި އެ އުސޫލުގެ ތެރެއިން މީގެ ކުރިން ލައިސެންސް ދޫކުރަމުން ދިޔައީ، ބިދޭސީ މީހާ އަތުގައި އޮންނަ އޭނާގެ ގައުމުގެ ލައިސެންސްގެ މުއްދަތަށް ވުރެ ވެސް ދިގު މުއްދަތަކަށްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އެހެން ނަމަވެސް އަމީން ވިދާޅުވީ މީގެ ފަހުން ބިދޭސީން އަތުގައި އޮންނަ ލައިސަންސަށް ރާއްޖޭގައި ދުއްވުމުގެ ހުއްދަ ދޫކުރެވޭނީ އެމީހާގެ އަތުގައި އޭރު އޮތް އެ ގައުމެއްގެ ލައިސެންސްގައި އޮންނަ މުއްދަތަކަށް ކަމަށެވެ. އަދި އެ މީހުންގެ ލައިސަންސަށް ހުއްދަ ދޭނީ އާންމު އުސޫލުން ލައިސެންސް ހޯދަން އޮންނަ ޑްރައިވިން އެސެސްމަންޓް ފުރިހަމަ ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ބިދޭސީ މީހާގެ އަތުގައި އޮތް ޕާސްޕޯޓްގެ ވެލިޑިޓޭޝަނަކީ ދެ މަސް ވިއަސް، އެއް އަހަރު ވިއަސް 10 އަހަރަށް ދިވެހި ލައިސެންސް އެބަ ދޫކުރެވޭ. މާލޭގައި ދަތުރުކުރަން އޮންނަނީ ކުދި ގޯޅިތަކެއް. ބޭރު ގައުމުތަކުގައި ދުއްވާއިރު ވިސްނަން ޖެހޭ އުކުޅުތަކާ ތަފާތު ވެދާނެ މާލޭގައި ދުއްވަން. އެހެންވެ އަޅުގަނޑުމެން ލައިސެންސް ދޭނީ އެހެން ދިވެހިންނެކޭ އެއްގޮތަށް ޑްރައިވިން އެސެސްމަންޓް ހެދީމަ،" އަމީން ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ނިންމާފަ އެވެ. އެގޮތުން އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ނިންމި ލިސްޓުގައި 20 އަށް ވުރެ ގިނަ ގައުމެއް ހިމަނާފައި އޮތެވެ. އޭގެ ތެރޭގައި އަވައްޓެރި ބައެއް ގައުމުތައް ވެސް ހިމަނާފައިވެ އެވެ.