ދެވަނަ ޑޯޒުގެ ގޮތުގައި ޖަހަން ފަށަނީ އިންޑިއާގެ ސީރަމް އިންސްޓިއުޓުން ގަނެގެން ގެނައި ކޮވިޝިލްޑް ވެކްސިން. މި ވެކްސިން އުފެއްދީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ގުޅިގެން. ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ 1 ގައި. ރާއްޖޭގައި ފުރަތަމަ ދޭން ފެށީ ވެސް އިންޑިއާއިން ހަދިޔާކުރި، ކޮވިޝީލްޑް ވެކްސިން.

ކޯވިޑް-19އިން ދިފާއުވާން ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން އާއްމުކޮށް ހުޅުވާލާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ފުރަތަމަ ވެކްސިން ދޭން ފެށީ މިދިޔަ ފެބްރުއަރީ 1 ގަ އެވެ. ރާއްޖޭގައި ފުރަތަމަ ދޭން ފެށީ އިނގިރޭސިވިލާތުގެ އޮކްސްފޯޑާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްޑާފައިވާ ކޮވިޝީލްޑް ވެކްސިން އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފެށީ އިންޑިއާގެ ހިލޭ އެހީގައި ގެނައި 100،000 ޑޯޒް ވެކްސިނުންނެވެ. އަދި އޭގެ ފަހުން އިތުރު 100،000 ޑޯޒު ގެނެސްފައިވެ އެވެ. މިފަހަރު ސިރަމް އިންސްޓިއުޓުން ގަނެގެން ގެނައީ ވެސް 100،000 ޑޯޒުގެ ވެކްސިނެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާއާއި 12 ހަފްތާއާ ދެމެދުގެ މުއްދަތުގަ އެވެ. ބަލިން ފުރިހަމައަށް ދިފާއުވުމަށް އެހީއަކަށްވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

މާލޭގެ 8 ސެންޓަރުންނާ އަތޮޅުތަކުގެ 169 ސެންޓަރެއްގައި ވެކްސިން އަންނަނީ ދެމުންނެވެ. އަތޮޅުތަކުގައި އަދިވެސް ދެމުންދަނީ ކޮވިޝީލްޑް ވެކްސިންއެވެ. ނަމަވެސް މާލޭގައި މިހާރުވަނީ ޗައިނާއިން އުފައްދާ ސިނޮފާމް ވެކްސިން ދޭން ފަށާފަ އެވެ.

ސިނޯފާމް ވެކްސިނަކީ ވެސް ދެ ޑޯޒް ފުރިހަމަކުރަން ޖެހޭ ވެކްސިނެކެވެ. މި ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ޖެހޭނީ ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފުތާ ފަހުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ނަގަންވާނީ، ފުރަތަމަ ޑޯޒް ނެގި ބާވަތުންނެވެ. އެގޮތުން ރާއްޖޭގައި ދެވަނަ ޑޯޒްގެ ވެކްސިން ދޭން ފުރަތަމަ މި ފަށަނީ، ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ނަގާފައިވާ ފަރާތްތަކަށެވެ. ވެކްސިން ޖެހުމަށް އަންނައިރު، ވެކްސިންގެ ފުރަތަމަ ޑޯޒާއެކު ދީފައިވާ ވެކްސިން ކާޑު ގެންދަންވާނެ އެވެ. މީގެކުރިން ވަނީ ޚާއްސަ ހާލަތްތަކަކާ ގުޅިގެން ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާފަ އެވެ.

މިހާތަނަށް ރާއްޖޭގެ އާބާދީގެ 47 ޕަސެންޓް މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފަ އެވެ. މީގެތެރޭގައި ބޮޑު ޕަސެންޓެއް ޖެހީ ކޮވިޝީލްޑް ވެކްސިނެވެ.