ސާނަވީ އަދި މަތީ ސާނަވީ ގްރޭޑް ނިންމާ ދަރިވަރުންގެ ގްރެޖުއޭޝަން ހަފްލާ ބެލެނިވެރިން ނުލައި ބޭއްވުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން ދީފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވާފައިވާ ސިޓީގައި ބުނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް ގްރޭޑް 10 އަދި ގްރޭޑް 12ގެ ގްރެޖުއޭޝަން ހަފްލާ ބޭއްވިޔަސް އެންމެ ރަނގަޅު ކަމަށެވެ.

ގްރެޖުއޭޝަން ހަފްލާގައި ބައިވެރިކުރުމުގެ ހުއްދަ އެޑިއުކޭޝަނުން ދީފައިވަނީ ހަމައެކަނި އެ ގްރޭޑްތަކުގެ ދަރިވަރުންނަށާއި އަދި ސްކޫލުގެ މުއައްޒަފުންނަށެވެ. ނަމަވެސް ބައެއް ބެލެނިވެރިން ދަނީ އެޑިއުކޭޝަންގެ ނިންމުމާ ދެކޮޅު ހަދަމުންނެވެ.

"ކުދިންގެ ގުރެޖުއޭޝަން ހަފުލާގައި ބެލެނިވެރިން ބައިވެރިވުމަކީ ބެލެނިވެރިން ކުރާ ވަރަށް ބޮޑު އުއްމީދެއް. މިއީ އަބަދު ލިބޭނެ ފުރުސަތެއް ވެސް ނޫން،" މާލޭ ސްކޫލެއްގެ ބެލެނިވެރިއަކު ބުންޏެވެ.

ކޮވިޑްގެ ހާލަތު ތަންނުދިނުމުގެ ސަބަބުން މިދިޔަ އަހަރު އޯލެވެލް އަދި އޭލެވެލް އިމްތިޙާން ހެދުމަށް ހަމަޖެހިފައިވި ދަރިވަރުންނަށްވަނީ އިމްތިހާނު ހެދުމުގެ ފުރުސަތު ގެއްލިފަ އެވެ.

ގްރޭޑް 10 ގެ ދަރިވަރުން އޯލެވެލް އިމްތިހާނު ހެދުމަށް މިހާރު ހަމަޖެހިފައިވަނީ މެއި/ޖޫން މަހު އެވެ. އަދި ގްރޭޑް 12 ގެ ދަރިވަރުން އޭލެވެލް އިމްތިހާނު ހެދުމަށް ހަމަޖެހިފައިވަނީ އަންނަ މަހު އެވެ. އެހެން ނަމަވެސް، ދަރިވަރުން ބޭނުންނަމަ އޮކްޓޯބަރ/ނޮވެމްބަރ މަހު އިމްތިހާނު ހެދުމުގެ ފުރުސަތުވެސް މިނިސްޓްރީން މިހާރުވަނީ ދީފަ އެވެ.