ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލެއްގެ ކަރާމާތަށް އަރައިގަތް ކަމަށް ތުހުމަތުކޮށް ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ފުލުހަށް ހާޒިރުކުރުން ފަސްކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށް މިއަދު ހަވީރު 4:00 އަށް ފުލުހަށް ހާޒިރުވާން ހުސައިން ވަހީދަށް އެންގި އެވެ. ނަމަވެސް ފުލުހުން ފަހުން ވަނީ ފުލުހަށް ހާޒިރުކުރާ ދުވަސް ބަދަލުކުރަން ނިންމިކަން އޭނާއަށް އަންގާފަ އެވެ. އެކަމަކު ދެން ހާޒިރުކުރާނެ ދުވަހެއް ނުބުނެ އެވެ.

ދަރިކަލުންގެ ކަރާމާތަށް އަރައިގަތް ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އާއި އެ ޕާޓީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް އަދި އެމްޑީޕީގެ މައްޗަށް ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ރައީސްގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ވަނީ ދައުވާ އުފުލާފަ އެވެ.

ރައީސްގެ އާއިލާގެ ފަރާތުން މި މައްސަލަ ކޯޓުގައި ދައުވާ އުފުލާފައިވާ ރެހެންދި ޗެމްބާސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މައްޗަށް ދައުވާ އުފުލީ ރައީސްގެ ދަރިކަލުން އުމައިރުއަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއްގެ ސަބަބުން އުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިކުރުވައި އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ހާލަތެއް މެދުވެރުކޮށްފައި ވަތީ ކަމަށެވެ.

ސިވިލް ކޯޓުގައި ދައުވާ ކޮށްފައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ނަމާއި އަބުރު ރައްކާތެރި ކޮށްދިނުމުގެ ހައްގު ނިގުޅައިގެން ކަމަށް ބުނެ އެވެ. ފެމެލީ ކޯޓުގައި ދައުވާ ކޮށްފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރު ކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ބުނެ އެވެ.