މިދިޔަ ހުކުރު ދުވަހުގެ ރޭ ހ. މިޓާޒް ފުރާޅު މައްޗަށް 21 އަހަރުގެ އަންހެން ކުއްޖާ ވެއްޓުނު މައްސަލާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ އިންކުއަރީ އެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) ހެދުމަށް އެދި ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް، އުސް އިމާރާތަކުން އަންހެނަކު ވެެއްޓިފައިވާ ކަމަށް ދިވެހި ފުލުހުންގެ ފަރާތުން މި މަހުގެ 22 ވަނަ ދުވަހު ހާމަކޮށްފައިވާ ކަމަށެވެ.

މި ހާދިސާ އާ ގުޅިގެން ދިވެހި ފުލުހުންގެ ފަރާތުން އަމަލުކޮށްފައި ވަނީ މި ބާވަތުގެ އެހެން މައްސަލަތަކުގައި ފުލުހުން އަމަލު ކުރަމުންގެންދާ ގޮތްތަކާ ހިލާފަށްކަމާއި ފުލުހުންގެ މުއައްސަސާއިން ޖުމްލަ ގޮތެއްގައި އަމަލުކޮށްފައިވާ ގޮތާ ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ގެންދާ ކަމަށް މެންބަރު އަޒާންގެ ސިޓީގައިވެ އެވެ.

މިއީ ހާއްސަ ގޮތެއްގައި ޒުވާނުންނާއި ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެއްކަން ފާހަގަކޮށް މެންބަރު އަޒާން ވިދާޅުވީ މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވަނީ އެއްވެސް ނުފޫޒެއް ނެތި، އިންސާފުވެރިކަމާ އެކި ގާނޫނާ އެއްގޮތަށްކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެހެންކަމުން އަޒާން ވަނީ މި މައްސަލައިގެ މައުލޫމާތު ފުލުހުންނަށް ލިބުނު ހިސާބުން ފެށިގެން އެ މުއައްސަސާގެ ފަރާތުން އަމަލުކޮށްފައިވާ ގޮތުގެ އިންކުއަރީއެއް 241 ކޮމިޓީ މެދުވެރިކޮށް ކުރިއަށް ގެންގޮސްދިނުމަށް އެދިވަޑައިގެންފަ އެވެ.

މާލޭގެ ގެއަކުން އަންހެން ކުއްހަކު ވެއްޓުނު މައްސަލައިގައި ޝާމިލުވާ މީހުންގެ ޕާސްޕޯޓް ހިފަހައްޓާ އެމީހުންގެ ބަޔާން ނަގާފައިވާ ކަމަށް މިއަދު ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލާގައި ޝާމިލު ވަނީ ނުފޫޒު ގަދަ ބައެއް ކަމަށްވާތީ މައްސަލަ އޮއްބާލާނެ ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނާ ޝުޖާއު ވަނީ މި މައްސަލަ ބެލުމުގައި އެއްވެސް ތަފާތެއް ނުގެންގުޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.