އޭޕްރީލް 18ގައި މާލޭގެ އިމާރާތަކުން ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ގ. ރަނައުރާމާގެ އާގެ، ހައްވާ ޔުމްނު ރަޝީދު ކުރަން ޖެހޭ އެންމެ މުހިންމު އަދި އެންމެ ނުރައްކާތެރި އޮޕަރޭޝަން ކާމިޔާބުވެފައިވާ ކަމަށް އާއިލާއިން މިރޭ ބުނެފި އެވެ.

ޔުމްނު، 21، ގެ ފަރުވާގެ ކަންތަކުގައި އުޅެމުން އަންނަ މުހައްމަދު މުއުމިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު ކުރިއަށް ގެންދިޔައީ އެންމެ ނާޒުކު އަދި ނުރައްކާތެރި ސާޖަރީ ކަމަށެވެ. އެ ސާޖަރީއަށް ފަސް ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވި ކަމަށް އާއިލާއިން ބުނެ އެވެ.

"އެކަމަކު، ރޭވި ގޮތަށް، ސާޖަރީ ކާމިޔާބުކަމާއެކު ނިންމައިލެވުނު ކަމަށް ޑޮކްޓަރުންނާ ޑޮކްޓަރުން ބުނޭ،" ޔުމްނުއަށް ފަރުވާ ދޭން މިވަގުތު މެލޭޝިޔާގައި ހުރި މުއުމިން ބުނެފައިވެ އެވެ.

މުއުމިން ހިއްސާކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ޔުމްނުގެ ބިނދިފައި އޮތީ ކަރުގެ ތިރީ ބަޔެވެ. ބިނދިފައި ވަނީ މައިބަދައިގެ ސީ-7 އެވެ. އެއީ ކަރުގެ ތިރީކޮޅެވެ. އެއީ ފްރެގްމަންޓް ފްރެކްޗާއެއް ކަމަށް މުއުމިން ބުނެ އެވެ. އޭގެ މާނައަކީ ކަށިކޮޅު ފުނޑުވެފައި ހުރުމެވެ.

މިކަހަލަ ނުރައްކާތެރި އޮޕަރޭޝަނެއް އިތުރަށް ކުރަން ނުޖެހޭނެކަން ފާހަގަކޮށް އޭނާ ބުނީ ހުރިހާ ކަމެއް ރަނގަޅަށް ދިމާވެއްޖެ ނަމަ ވަރަށް އަވަހަށް ޔުމްނުއަށް އިށީނދެ އިނދެވޭ ވަރުވާނެ ކަމަށެވެ. އަދި އޭނާ ވަނީ އެންމެން ޔުމްނުއަށް ހެޔޮ ދުއާ ކޮށްދިނުމަށް އެދިފަ އެވެ.

"މިކަހަލަ ސާޖަރީއެއް ދެން ކުރާކަށް ނުޖެހޭނެ. ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިއްޔާ ޔުމްނުއަށް ދުވަސްކޮޅެއްގެ ތެރޭގައި އިށީނދެ ވެސް އިނދެވޭނެ،" މުއުމިން ބުންޏެވެ.

ކަރު ބިނދުގުމުގެ އިތުރުން ވެސް ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ވެފައި ހުއްޓެވެ. އޭގެ ތެރޭގައި އުކުޅުވަޅު، ފަލަމަސްގަނޑު އަދި މޭކަށިގަނޑު ބިނދުން ހިމެނެ އެވެ. އެ ނޫން ވެސް ސީރިއަސް ޒަހަމްތަކެއް ވަނީ ވެފަ އެވެ.

ޔުމްނު މެލޭޝިޔާއަށް ގެންދިޔައީ މާލޭގެ އައިޖީއެމްއެޗްގައި ނުވަ ދުވަހު ބޭއްވުމަށްފަހު މިދިޔަ ހޮނިހިރު ދުވަހު އެވެ.

ޔުމްނު ހ. ފެންޓެނޯއީގޭގެ މަތީ ފްލޯއަކުން ވެއްޓުނުއިއިރު އޭނާއާ އެކުގައި ރައުދު އަހުމަދު ޒިލާލް، 21، އުޅުނެވެ.

މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. އެކަމަކު ފަހުން، އެ މައްސަލައިގެ ތަހުގީގަށް ރައުދު އެއްބާރުލުން ނުދޭތީ ކަމަށް ބުނެ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ރައުދުގެ ބަންދުގެ މުއްދަތު ޖެހި އަމުރުގައި ބުނެފައިވާ ގޮތުގައި ޔުމްނު ވެއްޓުމުގެ ކުރިން އޭނާ އާއި ރައުދުއާ ދެމެދު "ހަމަނުޖެހުންތަކެއް" ހިނގި ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ. އަދި ޔުމްނު ވީ ތަނެއް ނޭނގޭ ކަމަށާއި ބޮޑަށް ބެލެވެނީ ވެއްޓުނީ ކަމަށޭ ރައުދު ބުނި ކަމަށް ވެސް ފުލުހުންނާ ހަވާލާދީ އަމުރުގައި ލިޔެފައިވެ އެވެ.

ޔުމްނު ވެއްޓުނު ރޭ އެންމެ ފަހުން އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް، 21، ހައްޔަރު ކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ. އޭނާ ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ބުނީ ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށެވެ. އެކަމަކު އޭނާ ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނީ، ޔުމްނު ވެއްޓުނުކަން ރައުދަށް އެނގޭ ކަމަށާއި އެ ރޭ އޭނާއާ ޔުމްނުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށެވެ.

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފެއްދީ އޭނާއަށް އިންސާފު ހޯދައިދިނުމަށް އެދި މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ފަށައި، އެ މައްސަލައިގައި މިނިވަން އިންކުއަރީއެއް ހިންގުމަށް މުޒާހަރާ ކުރަމުންދާ ޒުވާނުން ގޮވައިލުމުންނެވެ.